ވިޔަފާރި / ރިޕޯޓް

ދުނިޔޭގެ ބާޒާރުގައި ބޮޑު އަގެއް ލިބޭ ކަށިމިޔަރު މަސްވެރިކަން، ދިވެހި އިޤްތިޞާދަށް އާ އުއްމީދެއް

ދުނިޔޭގެ ބާޒާރުގައި ބޮޑު އަގެއް ލިބޭ ކަށިމިޔަރު މަސްވެރިކަން، ދިވެހި އިޤްތިޞާދަށް އާ އުއްމީދެއް

ކަށިމިޔަރު ތެޔޮގުޅަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ނޮވެމްބަރު 2025، 05:41

02 ނޮވެމްބަރު 2025، 05:41

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އާ ދޮރެއް ހުޅުވައި، އަހަރުތަކެއްގެ މެދުކެނޑުމަށްފަހު، ކަށިމިޔަރު މަސްވެރިކަމަށް ސަރުކާރުން އިއްޔެއިން ފެށިގެން ހުއްދަ ދީފިއެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ބޮޑު އަގެއް ލިބޭ ބާވަތެއް ކަމުގައި ވުމާއެކު، ދިވެހި އިޤްތިޞާދަށް އާ އުއްމީދުތަކެއް މިކަމުން ގެނެސްދޭނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ބާޒާރުގައި ކަށިމިޔަރުގެ ތެޔޮ، 60 އާއި 120 ކެޕްސޫލް ފުޅިއެއްގެ އަގު ހުރީ ގާތްގަނޑަކަށް 35 ޑޮލަރު (540ރ.) އަށެވެ. މި އަގަކީ، މިހާރު ރާއްޖެއިން އެކްސްޕޯޓްކުރާ ދަޅުމަހަށްވުރެ ވެސް ބޮޑު އަގެއް ދުނިޔޭގައި ލިބޭ މަސްވެރިކަމުގެ އުފެއްދުމެކެވެ.

ކަށިމިޔަރު ގުލްޕަރ ޝާކް) ތެޔޮ: ބޮޑު އަގެއް ލިބޭ ސިއްރަކީ ކޮބާ؟

ކަށިމިޔަރު ނުވަތަ ގުލްޕާ ޝާކު ތެލަކީ މުޅި ދުނިޔޭގެ ބާޒާރުގައި ބޮޑު ޑިމާންޑެއް އޮތް ބާވަތެކެވެ. މި ތެޔޮ ނެގުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ މި ބާވަތުގެ މިޔަރުގެ މޭގަނޑެވެ. ކަށިމިޔަރުގެ ތެލުގައި ހުންނަ "ސްކުއަލީން" ކިޔާ މާއްދާގެ ސަބަބުން މީގެ އަގު އިންތިހާއަށް މަތިވެއެވެ. މިއީ ފެޓްގެ ބާވަތެއް ކަމަށާއި، ކަށިމިޔަރުގައި 80 އިންސައްތައިގައި މި ބާވަތް ހުންނަ ކަމަށްވެއެވެ. މިއީ މިތެޔޮ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބެވެ.

ބޭސްވެރިކަމާއި ކޮންސްމެޓިކްސްގެ އުފެއްދުމެއް

ކަށިމިޔަރު ތެލަކީ ބޭސްވެރިކަމާއި ފާމަސޫޓިކަލްސް އިންޑަސްޓްރީގެ އިތުރުން ކޮސްމެޓިކްސްގެ ބާޒާރުގައި ވެސް އަގުހުރި އުފެއްދުމެކެވެ. ދުނިޔޭގެ މަޝްހޫރު މޮއިސްޗަރައިޒިންގް ކްރީމްތަކުގައި ހަންގަނޑު ތެޔޮކޮށްދީ، ހަމުގެ ޓެކްސްޗާ ރަނގަޅުކޮށްދިނުމަށް މި ތެޔޮ ބޭނުންކުރެއެވެ. އަދި މިހާރު މަގުބޫލުވަމުންދާ އެންޓި-އޭޖިން ކްރީމް ނުވަތަ އުމުރުން ދުވަސްވުމުގެ އަސަރު ކުޑަކޮށްދޭ ކްރީމްތަކުގައި ވެސް މި ތެޔޮ ހިމަނައެވެ.

ކަށިމިޔަރުގެ ތެލަކީ ފަތްޕިލާވެލީގެ ބޭސްވެރިކަން ނުވަތަ މި ޒަމާނުގެ ގޮތުން ބުނާނަމަ "އަޔޮރޮވެދިކް" ބޭސްވެރިކަމުގައި ވެސް މަޝްހޫރު އެއްޗެކެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ތައްޔާރުކުރާ ވެކްސިންތަކުގައި ވެސް ކަށިމިޔަރު ތެލުގެ ބާވަތްތައް ހިމަނައެވެ. އަދި ހެލްތް ސަޕްލިމެންޓްސްތައް ކަމަށްވާ އިމިއުން ސިސްޓަމަށް ވަރުގަދަ ކުރަން ވިއްކާ ސަޕްލިމެންޓްތަކުގައި ވެސް މި ތެޔޮ ބޭނުންކުރެވެއެވެ.

އުރަހަ ކިލޯއެއްގެ އަގު 400 ޑޮލަރަށް !

ކަށިމިޔަރު ތެލުގެ މާކެޓު 2024 ވަނަ އަހަރު ހުރީ ގާތްގަނޑަކަށް 170 މިލިއަން ޔޫ.އެސް ޑޮލަރުގައެވެ. އަދި 2032 ވަނަ އަހަރު މި އަދަދު 350 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ޔޫރަޕުގައި ކޮސްމެޓިކްސް އަދި ފާމަސޫޓިކަލްސްގެ ޑިމާންޑު ބޮޑު އުފެއްދުމެކެވެ. އަދި އޭޝިއާ އާއި އެފްރިކާ އަދި މެދުއިރުމަތީގައި ވެސް މި އުފެއްދުމަށް ބޮޑު ޑިމާންޑެއް އޮވެއެވެ.

ކަށިމިޔަރު ތެލުގެ 120 ގުޅަ 35 ޑޮލަރަށްވުރެ މަތީ އަގުގައި ވިކެއެވެ. އަދި މީގެ ކިލޯއަކަށް ދުނިޔޭގެ ބާޒާރުގައި 38 ޑޮލަރު ލިބެއެވެ. މިޔަރު އުރަހަ ކިލޯއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 38 ޑޮލަރާއި 400 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ހުރެއެވެ. އެންމެ މަތީ ކޮލިޓީގެ މިޔަރު އުރަހަ ކިލޯއެއް 400 ޑޮލަރަށް ލިބެއެވެ.

ކަށިމިޔަރު އާންމުކޮށް ފެންނާނީ 200 މީޓަރު ފުނުން

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރަން ފެށި ކަމަށް އެނގިފައިވަނީ 1970ގެ އަހަރުތަކުގެ ކުރިންނެވެ. މި މަސްވެރިކަން ރާއްޖޭގައި އެންމެ ގަދައަށް ކުރީ 1980ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މި މަސްވެރިކަމަށް އެންމެ މަޝްހޫރު އެއް ރަށަކީ ހދ. ކުޅުދުއްފުށްޓެވެ. ވިޔަފާރީގެ މަސްވެރިކަން ފުޅާވުމާ ގުޅިގެން މިޔަރުގެ އަދަދު ވަރަށް ބޮޑަށް މަދުވާން ފެށި ނަމަވެސް، 2000ގެ އަހަރުތަކުގައި މި މަސްވެރިކަން ހުއްޓާލެވުނެވެ.

ކަށިމިޔަރަކީ އާންމުކޮށް 100 މީޓަރާއި 1,200 މީޓަރު (330 ފޫޓާއި 4,000 ފޫޓު) ފުނުގައި އުޅޭ މިޔަރެކެވެ. އެންމެ އާންމުކޮށް މި ފެންނަނީ 200 މީޓަރު ފުނުންނެވެ. މި ބާވަތުގެ މިޔަރު ބޮޑުވަނީ ގާތްގަނޑަކަށް 1.5 މީޓަރަށެވެ.

ސަރުކާރުން ހުއްދަ ދެނީ 40 އުޅަނދަށް

ކަށިމިޔަރު މަސްވެރިކަމުގެ ހުއްދަ ބާތިލްކުރިތާ 25 އަހަރުފަހުން އަލުން މި މަސްވެރިކަން ފެށުމަށް ހުއްދަ ދޭނީ ގިނަވެގެން 40 އުޅަނދަށެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، އެ ޕްލޭނަށް ލަފާ ދިނުމަށްޓަކައި 13 މެމްބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަން ޖެހެއެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގައެވެ. އަދި އެކަން ކުރެވޭނީ މިނިސްޓްރީން އިއުލާންކުރާ ގޮތެއްގެ މަތިން، ކޮންމެ އަހަރަކު ހަތް މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގައި އެ ގަވާއިދުގެ ދަށުން މަނާ ތަންތަން ކަމުގައި ބުނެފައިވާ ސަރަހައްދުގައި މަސްވެރިކަން ކޮށްފި ނަމަ، ކެޔޮޅާއި ލައިސަންސްގެ ވެރިފަރާތް 100,000ރ. އިން ޖޫރިމަނާ ކުރާނެއެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ، 50,000ރ. އިތުރުކޮށް، ގިނަވެގެން 400,000ރ. އާ ހަމައަށް ޖޫރިމަނާކުރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން