ކުޅިވަރު
އެލްޗޭ ބަލިކޮށް ބާސެލޯނާއިން ރެއާލްއާ އޮތް ފަރަގު ކުޑަކޮށްފި
                    ލެމީން ޔަމާލް---
ސްޕެނިޝް ލަ ލީގާގައި 3-1އިން އެލްޗޭ ބަލިކޮށް ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ އޮތް ފަރަގު 5 ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ބާސެލޯނާއިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެއީ 3 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ގޯލުތަކެކެވެ.
އެގޮތުން ފުރަތަމަ ގޯލު މެޗުގެ 9ވަނަ މިނެޓުގައި ކާމިޔާބުކުރީ، ބާސެލޯނާގެ ޒުވާން ތަރި ލެމީން ޔަމާލްއެވެ. އެ ޓީމުގެ ވާތް ފަރާތުން ފަހަތަށް ކުޅެމުން އަންނަ އަލެހާންޑްރޯ ބާލްޑޭ ދިން ރީތި "ތުރޫ" ބޯޅައެއް ކަނާތް ފަރާތުން ހޯދައި، ޔަމާލް އެ ބޯޅަ ފޮނުވާލީ ދުރުކަނަށެވެ.
އަދި އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ފެރަން ޓޮރޭސްއެވެ. އެއީ އެލްޗޭގެ ފަހަތުން ޑިފެންސްކުރަން އުޅެނިކޮށް ގެއްލުނު ބޯޅައެއް ހޯދައި، ފަރމިން ލޮޕޭޒް ފަހިކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެލްޗޭގެ ސްޕެއިން ފޯވާޑް، ރަފާ މީރްގެ ގޯލަކުން އެ ޓީމުން އުއްމީދު އައުކުރިއެވެ.
ބާސެލޯނާގެ ފަހު ގޯލު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކުރީ، އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފައެވެ.
މި ނަތީޖާއާއެކު ބާސެލޯނާއަށް ވަނީ 11 މެޗުން 25 ޕޮއިންޓް ލިބިފައެވެ. އަދި އެއްވަނައިގައި އޮތް ރެއާލްއަށް 11 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ.