ޚަބަރު
ރ. ރަސްގެތީމުގެ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި 9 މީހަކު ހައްޔަރުކޮށްފި
ފެނުނު މަސްތުވާތަކެތި/ފޮޓޯ: ފުލުހުން
ރ. ރަސްގެތީމުގެ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ދިވެހި ފުލުހުންގެ ޚިދުމަތުން 9 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ރ. ހުޅުދުއްފާރު / ލޫނާ، އަޙްމަދު ނިހާން (23އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އިބްރާހީމް ރިޝާމް (36އ) އާއި، ރ. ހުޅުދުއްފާރު / ފަތިސްހަނދުވަރުގެ، އާދަމް ނަސީމް (30އ) އާއި، ޅ. ނައިފަރު / ހަނަފަސްގެ، އަމީނާ މުޙައްމަދު (32އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، އައްޔޫބު އާދަމް (33އ) އާއި، ހދ. ކުޅުދުއްފުށި / ބީޗްސައިޑް، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި، ރ. ހުޅުދުއްފާރު / ލައިނޫފަރުގެ، އިބްރާހީމް ޢާދިލް (38އ) އާއި، ރ. ރަސްގެތީމު / އިރުދޭމާގެ، އަޙްމަދު ވިޝާމް (41އ) އާއި، ރ. ހުޅުދުއްފާރު / އާސްމާނުވިލާ، ޙުސައިން ސަރްޙާން (30އ) އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43،500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނިހާން (23އ) އާއި، އިބްރާހީމް ޢާދިލް (38އ) އާއި، އާދަމް ނަސީމް (30އ) އާއި، އިބްރާހީމް ރިޝާމް (36އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަމީނާ މުޙައްމަދު (32އ) އާއި، އައްޔޫބު އާދަމް (33އ) އާއި، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި، އަޙްމަދު ވިޝާމް (41އ) އާއި، ޙުސައިން ސަރްޙާން (30އ) 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.