Ads by Stelco

ޚަބަރު

މިހާތަނަށް 30 ކައުންސިލް އިމާރާތުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފަ

މިހާތަނަށް 30 ކައުންސިލް އިމާރާތުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފަ

ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢު ބިންގާއެޅުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ނޮވެމްބަރު 2025، 01:30

03 ނޮވެމްބަރު 2025، 01:30

ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކައުންސިލްތަކަށް އައު އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 30 ކައުންސިލެއްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ނިންމެވުމަށް ކުރެއްވި ވަޢުދުފުޅާ އެއްގޮތަށް މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ވުޒާރާއިން ފާހަގަކުރައްވައެވެ.

ކައުންސިލް އިމާރާތްތަކުގެ ހާލަތު ބެލުމަށްފަހު، ސަރުކާރުންވަނީ ރާއްޖޭގެ 100އަށްވުރެ ގިނަ ކައުންސިލްތަކަށް އެކަށީގެންވާ ޖާގަ ބޭނުންވާކަމަށް ހާމަކުރައްވާފައެވެ. މިގޮތުން، އެންމެ ހާލަތު ދަށް 105 ކައުސިލެއް ކަނޑައަޅައި، އެކައުންސިލްތަކަށް އައު އިމާރާތް އެޅުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވެއެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ 50 ކައުންސިލްގެ މަސައްކަތެވެ. ޤައުމީޓީވީގެ "ދުވެލި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކައުންސިލް އައު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ.

ސްޓޭޓް މިނިސްޓަރ ފަތުޙީ ވިދާޅުވިގޮތުގައި، މިހާތަނަށް 30 ކައުންސިލެއްގެ މަސައްކަތް ޢަމަލީގޮތުން ފެށިފައިވާއިރު، ކުރިއަށް އޮތް ހަފްތާގެތެރޭގައި އިތުރު 9 ރަށަށް މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ކޮންޓްރެކްޓަރ ފޮނުވާނެއެވެ. އަދި 55 ކައުންސިލްގެ ތެރެއިން މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ މަސައްކަތްވެސް މި ނޮވެންބަރު މަހު ފަށާނެކަމަށް އޭނާ ހާމަކުރެއްވިއެވެ. މި 55 ކައުންސިލްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަށް ޖުމްލަ 631 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރަން ނިންމާފައިވާ 50 ކައުންސިލްގެ އިމާރާތުގެ މަސައްކަތަށް، ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ޗައިނާ ސަރުކާރާ ގުޅިގެން މިހާރުވެސް ކުރިއަށްދާކަމަށް ސްޓޭޓް މިނިސްޓަރ ފަތުޙީ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކޮންޓްރެކްޓަރެއް ހަމަޖައްސައި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެކަމަށެވެ.

ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމުގައި އެންމެ މުހިންމު ދަޢުރު އަދާކުރާ ފަރާތްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ފަތުޙީ ވިދާޅުވީ، ކައުންސިލްތަކަށް އެ މަސައްކަތް ކުރުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. މީގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީގައި 19 ކައުންސިލެއް އިމާރާތްކުރަން ފަށާފައިވާކަމަށާއި، އެ މަސައްކަތްތައްވެސް އަވަހަށް ނިންމާ ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް  އިތުރަށް ވިދާޅުވިއެވެ.

ތަރައްޤީކުރާ އައު އިމާރާތްތަކަކީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އާއި އިދާރީ މަސައްކަތަށްވެސް ބޭނުންވާ ޖާގައާއެކު، ހުރިހާ ވަޞީލަތްތަކެއް ހަމަޖެހިފައިވާ ތަންތަންކަމަށް ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު އިތުރުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން