ކޮލަމް

މަގުމަތީގެ ރައްކައުތެރިކަމުގައި ދަތުރުވެރީންނާއި ކުޑަކުދީންގެ ޙިއްޞާއަކީ ކޮބައި؟

މަގުމަތީގެ ރައްކައުތެރިކަމުގައި ދަތުރުވެރީންނާއި ކުޑަކުދީންގެ ޙިއްޞާއަކީ ކޮބައި؟

ސޭފްޓީ ފަރސްޓް.

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 02:49

04 ނޮވެމްބަރު 2025، 02:49

ކޮންމެ ދުވަހަކުމެ މަގުމަތީގައި ދަތުރުކުރުމަކީ އެންމެންގެ ދިރިއުޅުމުގެ ވެސް އަސާސީ ބަޔަކަށް ވާއިރު، ތިމާއާއި މަގު ބޭނުންކުރާ އެހެން މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ވީމާ، މަގުމަތީގެ ސަލާމަތްތެރިކަން ޤާއިމުކުރުމުގައި ދަތުރުވެރީންނާއި ކުޑަކުދީންގެ ޢަމަލުތަކާ ބެހޭ މަޢުލޫމާތު ހިމަނައި، ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ޚާއްޞަ އިރުޝާދުތަކެއް ޝާއިޢުކޮށްފައެވެ.

ޢާންމު ދަތުރުވެރީންގެ ރައްކައުތެރިކަން

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނެރުނު އިރުޝާދުގައި ބުނާ ގޮތުން، އެއްވެސް އުޅަނދަކަށް، އެ އުޅަނދަށް އެރުމަށް ހުއްދަ ދެވިފައިވާ މިންވަރަށް ވުރެ ގިނައިން މީހުން އެރުވުމަކީ ދުރުހެލިވާން ޖެހޭ ކަމެކެވެ. މީގެ އިތުރުން، 4 ފުރޮޅުލީ އުޅަނދުތަކުގައި ތިބޭ އެންމެހައި ފަސިންޖަރުން ގޮނޑީކަމަރު އެޅުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި، ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. ގޮނޑީކަމަރު އެޅުވުމަކީ ވަރަށް ކުޑަކުޑަ ކަމެއް ކަމުގައި ގިނަ ބަޔަކަށް ހީވިޔަސް، އެ ކަމުގެ ސަބަބުން އެކްސިޑެންޓުތަކުގައި ބޮޑެތި ގެއްލުންތައް ލިބުމުން ސަލާމަތްވެ، ފުރާނަ ރައްކައުތެރިކުރެވިފައި އެބަހުރި ކަމަށް ދަތުރުފަތުރާ ބަހޭ ވުޒާރާއިން ބުނެއެވެ. މި ކަންކަމުގެ އިތުރުން، އުޅަނދު ދުއްވާ ވަޤުތު، ދަތުރުވެރީން ރަނގަޅަށް އިށީނދެ ތިބުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އަދި ހަމަ އެހެންމެ، މުދައު އުފުލާ ތަންތަނުގައި ނުވަތަ ރައްކައުތެރި ނޫން ތަންތަނުގައި ދަތުރުކުރުމުން ދުރުހެލިވުމަކީ ސަމާލުކާންދޭން ޖެހޭ ކަމެކެވެ.

ކުޑަކުދީންގެ ރައްކައުތެރިކަން

ދަތުރުފަތުރުކުރުމުގައި ބޮޑެތި މީހުންނަށް ވުރެ، ކުޑަކުދީންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީ މާ މުހިންމު ކަމެކެވެ. މި ގޮތުން، ޢުމުރުން 10 އަހަރު ނުފުރޭ ކުދީން ކުރީ ސީޓުގައި ބޭތިއްބުމަކީ ރައްކައުތެރި ގޮތެއް ނޫނެވެ. ކުޑަކުދީން ގޮވައިގެން ދަތުރުކުރުމުގައި އެންމެ ރައްކައުތެރި ގޮތަކީ ކުއްޖާގެ ޢުމުރާއި ބަރުދަނަށް ރިޢާޔަތްކުރުމާ އެކު ޗައިލްޑް ސޭފްޓީ ސީޓެއް ބޭނުންކުރުން ކަމުގައި ވުޒާރާއިން ހާމަކުރެއެވެ.

ކުޑަކުދީންގެ ސަލާމަތްތެރިކަމަށްޓަކައި އިތުރަށް ވިސްނާން ޖެހޭ ކަންކަމުގެ ތެރޭގައި: ދުއްވަމުންދާ ވަޤުތު ކުއްޖަކު އުރައިގެން ނުވަތަ އަތްމަތީގައި ބާއްވައިގެން ނުދުއްވުން ހިމެނެއެވެ. އެއީ ވަރަށް ބިރުވެރިކަން ބޮޑު ޢަމަލެކެވެ. އެހެނީ މަޑު ދުވެލީގައި ހިނގާ އެކްސިޑެންޓެއްގައި ވެސް ކުއްޖާއަށް އޭރުން ބޮޑެތި ގެއްލުންތައް ލިބިދާނެއެވެ. ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޚާއްޞަ އިރުޝާދުގައި ބަޔާންކޮށްފައިވާ ފަދައިން، ކުދީން ރަނގަޅަށް ސެކިއަރ ކުރުމަކީ އެ ކުދިންނަށް ދެވޭ އެންމެ ބޮޑު ރައްކައުތެރިކަމެވެ.

ކޮންމެ ދަތުރެއްގައިމެ، ކިތަންމެ ކުރު ނަމަވެސް، ފެށިގެން ނިމެންދެން ރައްކައުތެރިކަމާ މެދު ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. ދޮރުތައް ރަނގަޅަށް ޖަހައި، ކުޑަކުދީންނާއި ދަތުރުވެރީން ކަމަރު އަޅުވައިގެން ތިބިކަން ޔަޤީންކުރުމަކީ މަގުމަތީގައި ދިމާވެދާނެ ނުރައްކައުތަކުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެވެ. ކޮންމެ ކަމެއްގައި ވެސް ރައްކައުތެރިކަން ޚިޔާރުކުރުމަކީ އެންމެ ފުރިހަމަ ގޮތެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން