Ads by Stelco

ޚަބަރު

މާލެ ސަރަޙައްދަށް އެކަނި ހަފްތާއަކު 220 ޕެކުގެ ލެއި ބޭނުންވޭ: ތެލަސީމިއާ ސެންޓަރ

މާލެ ސަރަޙައްދަށް އެކަނި ހަފްތާއަކު 220 ޕެކުގެ ލެއި ބޭނުންވޭ: ތެލަސީމިއާ ސެންޓަރ

މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ތެލަސީމިއާ ސެންޓަރުގެ އިސްވެރީންނާއި ތެލަސީމިއާ ސޮސައިޓީން ބައިވެރިވަނީ

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 03:18

04 ނޮވެމްބަރު 2025، 03:18

މާލެ ސަރަޙައްދަށް އެކަނި، ހަފްތާއަކު 220 ޕެކުގެ ލެއި ބޭނުންވާ ކަމަށް ތެލަސީމިއާ ސެންޓަރުން އަދު ހާމަކޮށްފިއެވެ.

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން، ތެލަސީމިއާ ސެންޓަރުގެ ކުޑަކުދީންގެ ބަލިތަކަށް ޚާއްޞަ ޑރ. ނުސައިބާ ފާރޫޤު ޙަސަން ވިދާޅުވީ، ތެލަސީމިއާ ސެންޓަރަށް ލެއި ބޭނުންވަނީ އެހެން ހަސްފަތާލުތަކަށް ވުރެ އިތުރަށް ކަމަށެވެ. ވީމާ، ތެލަސީމިއާ ސެންޓަރާއި ބްލަޑް ސަރވިސް ވަކިކޮށްފިނަމަ، ގިނަގުނަ ދަތިތަކާ ކުރިމަތިވާނެ ކަމަށް ޑރ. ނުސައިބާ ވިދާޅުވިއެވެ. 

ނުސައިބާގެ ވާހަކަފުޅުގައި ވަނީ ތެލަސީމިއާ ޤާނޫނަށް ހުށަހެޅުމަށް އެދޭ 3 އިޞްލާޙެއް ފާހަގަކުރައްވާފައެވެ. އެ އިޞްލާޙުތަކަކީ: ތެލަސީމިއާ އެޑްވައިޒަރީ ބޯޑަށް ތެލަސީމިއާ ޕޭޝަންޓެއް މަންދޫބެއްގެ ގޮތުގައި ޢައްޔަން ކުރުމާއި، ޕްރީޕްލާންޓް ޖެނެޓިކް ޓެސްޓު ހެދުން އަދި ތެލަސީމިއާ މީހުންނަށް އެލަވަންސް ދިނުމާ ގުޅޭ މާއްދާއަށް ބަދަލުގެނައުމެވެ.

ނުސައިބާ އިތުރަށް ވިދާޅުވީ، މީގެ ކުރީން ލެއި އަޅާ ކުދީން ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރި ޢުމުރު ވަރަށް ހަގު ނަމަވެސް، މިހާރު އެ ޢުމުރު މަތިވެފައިވާ ކަމަށެވެ.

އިސްވެދިޔަ ހަފްތާގެ ޙިސާބުކިޔާބުން ދައްކާ ގޮތުގައި، ޢުމުރުން 18 އަހަރުން ދަށުގެ 257 ކުދީން އަދި 18 އަހަރުން މަތީގެ 400 ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި އެބަތިއްބެވެ. އަދި މިހާރު ވެސް ރާއްޖެއިން ބޭރުގައި 10 ކުދީން ސަރުކާރު ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަމުންދާ ކަމަށް ޑރ.ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޑރ. ނުސައިބާ އިތުރަށް ވިދާޅުވީ، މިހާރު ވެސް ބްލަޑް ބޭންކްގައި ހުންނާން ޖެހޭ ސްޓެންޑަރޑްތައް އެކުލަވާލަމުންދާ ކަމަށެވެ.

ބްލަޑް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް އަހުމީމް ފާރިޝް ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބޭނުންވަނީ ބްލަޑް ސަރވިސް އަދި ތެލަސީމިއާ ސެންޓަރު އެއް އޮނިގަނޑެއްގެ ދަށުން ހިންގޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި މިދިޔަ އަހަރު އެކުލަވާލި މާސްޓަރ ޕްލޭނުގައި ވެސް އޮތީ އެ ގޮތަށް ކަމަށް އަހުމީމް ވިދާޅުވިއެވެ.

ތެލަސީމިއާ ސޮސައިޓީގެ ޗެއަރޕަރސަން އީމާން މުޙައްމަދު ވިދާޅުވީ، ތެލަސީމިއާއާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް މަދަރުސާތަކުގައި އެ ބައިތައް ކިޔަވައިދޭން ޖެހޭ ކަމަށެވެ. އަދި މީގެ ކުރީން ޖެނެރަލް ސައިންސްގެ ތެރޭގައި ކިޔަވައިދިނަސް، ފަހުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި، ވީމާ ޤާނޫނުގައި ފަހުން ހިމަނާފައިވާ ގޮތަށް މަތީ ޘާނަވީގައި ތެލަސީމިއާއަށް ހޭލުންތެރި ކުރުވުމުގެ ބަދަލުގައި، އެ މަރުޙަލާ ގްރޭޑް 8އާއި 10އާ ދެމެދަށް ބަދަލުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން