ޚަބަރު
ފުޖައިރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީގެ ރައީސަށް ތައުޒިޔާ ވިދާޅުވެއްޖެ
ޔޫއޭއީގެ ދިދަ އަދި ރާއްޖޭގެ ދިދަ - ފޮޓޯ: ރައީސް އޮފީސް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އަދި އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމުގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ފުޖައިރާގައި ގިނަ އުޅަނދުތަކެއް ޖެހި ހިނގި އެކްސިޑެންޓާއި، އެ ހާދިސާގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި އެތައް ފުރާނައެއް ގެއްލި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ބަޔާންކުރައްވާފައިވެއެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޔޫއޭއީގެ ރައީސަށާއި، ސަރުކާރަށް އަދި ޔޫއޭއީގެ އަހުންނާއި އުހުތުންނަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވާފައިވެއެވެ. އަދި ދިވެހިރާއްޖެ އޮތީ ޔޫއޭއީގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ކަމަށާއި، މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، މި ހިތާމަވެރި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށާއި، އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އަދި މި ހާދިސާގައި ޒަޚަމްވި އެންމެހައި ފަރާތްތަކަށް އަވަސް އަދި ފުރިހަމަ ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.