Ads by Farudhun

ޚަބަރު

ޤައުމުގެ ކުރިއެރުމާއި ލާބަ ގުޅިފައިވަނީ ރައްޔިތުންގެ އަޚުލާޤާ: ވަޒީރު ހީނާ

ޤައުމުގެ ކުރިއެރުމާއި ލާބަ ގުޅިފައިވަނީ ރައްޔިތުންގެ އަޚުލާޤާ: ވަޒީރު ހީނާ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

14 ނޮވެމްބަރު 2026، 10:41

14 ނޮވެމްބަރު 2026، 10:41

ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ހަޤީޤީ ބިންގަލަކީ ދިވެހި ރައްޔިތުންގެ މެދުގައި އަށަގެންފައިވާ ރިވެތި އަޚުލާޤާއި ސުލޫކު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު "އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙު ކުރުމުގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، ޤައުމަކަށް ލިބޭނެ އެންމެ ބޮޑު މޮޅާއި ލާބަ ގުޅިފައިވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ކިބައިގައި ހުންނަ އަޚުލާޤީ މިންގަނޑުތަކުގެ މައްޗަށެވެ. މީގެއިތުރުން، އެކަކު އަނެކަކާ ކުރާ މުޢާމަލާތްތަކަކީ ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް އަސާސް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިފަދަ ބޮޑު ޤައުމީ މަޝްރޫޢެއް ފެއްޓެވުމުގެ މައިގަނޑު ސަބަބަކީ، ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައި އަށަގެންފައިވާ އިސްލާމީ މަތިވެރި އަދަބު އަޚުލާޤު މުޖުތަމަޢުގައި އަލުން ދިރުވައި އާލާކުރުން ކަމަށް ބަޔާންކުރެއްވިއެވެ. އަދި މިއީ ޤައުމުގެ ދެމިއޮތުމަށާއި، އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި، އިންސާނީ ވަޞީލަތް ބިނާކުރުމަށްޓަކައި ދިވެހި ވެރިއަކު ފެއްޓެވި އެންމެ ތާރީޚީ އަދި މުހިންމު މަސައްކަތްޕުޅު ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ތާރީޚީ ނަޒަރަކުން ބައްލަވާލައްވަމުން ހީނާ ވިދާޅުވީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ބޭރުގެ ދަތުރުވެރިންގެ ލިޔުންތަކުންވެސް ދިވެހިންނަކީ އަބަދުވެސް ރިވެތި ހަޟާރަތެއްގެ އަހުލުވެރި ބައެއްކަން ސާބިތުވާ ކަމަށެވެ. ނަމަވެސް، ހަޟާރަތެއްގެ އަގުވަޒަންކުރެވެނީ ހަމައެކަނި ފެންނަން ހުންނަ ބޮޑެތި ޢިމާރާތްތަކުންނާއި މަގުތަކުން ނުވަތަ ފަންނުވެރިކަމުން އެކަނި ނޫން ކަމަށާއި، އޭގެ އަސްލަކީ މީސްތަކުންގެ ހިތްތަކުގައިވާ ރިވެތި އަޚުލާޤު ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އިޙުތިރާމް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިޙުތިރާމަކީ މުޖުތަމަޢެއްގެ "ފުރާނަ" ކަމަށެވެ. އަދި އެއީ އެހެން މީހުންގެ އިޙުސާސްތައް ދެނެގަނެ، އެމީހުންގެ ޙާލަތު ބަލައިގަނެ، އިންސާނީ ކަރާމާތަށް ދެވޭ އެންމެ މަތިވެރި ޤަދަރު ކަމުގައި ސިފަކުރެއްވިއެވެ.

"އިޙުތިރާމް ކުރުމުގެ މަތިވެރި އަސާސްތައް ފެށިގެން އަންނަނީ އަމިއްލަ ނަފްސައް ބާރުފޯރުވާއި އަނެކާގެ އިންސާނީ ކަރާމާތް ޤަބޫލްކުރާ ހިސާބުން. އިޙުތިރާމްއަކީ ފައިސާއިން އަގުނުކުރެވޭ ކޮނޑުއަޅައިގެން ނުއުފުލޭ ދުލުން ބަޔާން ނުކުރެވޭ، ހިސާބުން އަދަދު ނުކުރެވޭ ހަދިޔާއެއްކަމަށް. މިއީ އިންސާނާގެ ރީތިކަމުގެ ސިފަތަކުން އެންމެ ރީތި ސިފަ. މި ސިފަތައް ލިބިފައިވާ ފަރުދުންގެ މައްޗަށް އެކުލެވޭ ޤައުމީ މުޖުތަމައުވާނީ ކޮންފަދަ ނަސީބުވެރި މުޖްތަމައުއަކަށްތޯ"

ހިނާ ވިދާޅުވިއެވެ.

ވަޒީރު ހީނާ ވަލީދު ވަނީ ދިވެހި ކޮންމެ ރައްޔިތަކީވެސް އެކަކު އަނެކަކަށް އިޙުތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމުގެ ޢަމަލީ ބައިވެރިއަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ. ސަރުކާރުން އިފްތިތާޙު ކުރި މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ބަދަހިކޮށް، ޚާއްޞަކޮށް ޒުވާނުންނާއި ޅަކުދިންގެ ހިތްތަކުގައި އެކަކު އަނެކަކަށް އިޙުތިރާމާއި ޤަދަރުކުރުމުގެ މަތިވެރި ސިފަ ވަރުގަދައަށް އަށަގެންނެވުމެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450