ކޮލަމް
ޗާޖުކޮށް ނިމުމުން ޗާޖަރު ލުހެލުމަކީ މުހިންމު ކަމެއްތަ؟ މާހިރެއްގެ ދުލުން
ޗާޖުކޮށް ނިމުމުން ޗާޖަރު ލުހެލާށެވެ.
ފަރުދުން
05 ނޮވެމްބަރު 2025، 03:40
05 ނޮވެމްބަރު 2025، 03:40
ޓެކްނޮލޮޖީގެ މި ޒަމާނުގައި، ކޮންމެ ގެއެއްގައި ވެސް ކަރަންޓުން ޗާޖުކުރާ ބާވަތުގެ ސުމޭކު އާލަތްތައް ގިނައެވެ. ފޯނުތަކާއި، ލެޕްޓޮޕާއި، ޓެބްލެޓާއި، މިފަދަ އެތައް ބާވަތެއް ގެންގުޅެއެވެ. މި ތަކެތި ކޮންމެ ދުވަހަކު ބޭނުންކުރަން ޖެހުމުގެ ސަބަބުން، ކޮންމެ ދުވަހަކު ޗާޖުކުރަން ވެސް ޖެހެއެވެ. ނަމަވެސް ގިނަ ބަޔެއްގެ ޢާދައަކީ، ޗާޖުކުރާ ވަޤުތުގައި ވެސް އަދި ނުކުރާ ވަޤުތުގައި ވެސް، ޗާޖުކުރާ ޓޮޕު ސޮކެޓަށް ޖަހައި، ކަރަންޓުދީފައި ބެހެއްޓުމެވެ. މިއީ މާ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ގިނަ މީހުންނަށް ހީ ނުވިޔަސް، މި ކަމަކީ ނޭދެވޭ ނަތީޖާތަކަކަށް ކުރިމަތިވެދާނެ ކަމެއް ކަމަށް މާހިރުން ކިޔައިދެއްވައެވެ.
ޗާޖުކޮށް ނިމުމުން ޗާޖަރު ލުހެލުމަކީ މުހިންމު ކަމެއްތަ؟
އެއް ފަހަރަކު ދެ ފަހަރަކު ޗާޖުކޮށް ނިމުމުން ޗާޖަރަށް ކަރަންޓުދީފައި ބެހެއްޓުމަކީ މާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް ތަކުރާރުކޮށް މި ގޮތަށް ކަންކުރުމުން ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި، ބޭނުންނުކުރާ ވަޤުތު ޗާޖަރުން ކަރަންޓު ކަނޑާލުމަށް ސަމާލުކަން ދޭށެވެ. އޭރުން ތިމާގެ އާލަތްތަކަށާއި، ޗާޖަރުތަކަށާއި، ޖީބަށް ވެސް ލާބަކުރާނެއެވެ.
"އަޅުގަނޑު އަބަދުވެސް ލަފާދެން ބޭނުންނުކުރާ ވަޤުތު ޗާޖަރު ލުހެލުމަށް. ޗާޖަރު ފޯނަކަށް ނުވަތަ އާލަތަކަށް ޖަހާފައި ނެތަސް، ކަރަންޓަށް ޖަހާފައި ހުރުމުގެ ސަބަބުން ވެސް ކުޑަ މިންވަރެއްގެ ކަރަންޓެއް ދާމާނެ. އޭގެ ޛާތުގައި އެއީ މާ ބޮޑު މިންވަރަކަށް ނުވިޔަސް، ގޭގެ ހުރިހައި ޗާޖަރަކާއި ހުރިހައި އާލަތަކަށް ބަލާއިރު، އެ ކަން (ކަރަންޓު ދެމުން) އިތުރުވަމުންދާނެ." އެމެރިކާގެ ކަރަންޓު ކުންފުންޏެއް ކަމުގައިވާ "ގްރައުންޑެޑް އިލެކްޓްރިކް"ގެ ވެރިފަރާތް ބެރެޓް އެބްރަމޯވ ކިޔައިދެއްވިއެވެ.
ކަރަންޓު ބޭކާރުވުން ހުއްޓުވުމާއި، ކަރަންޓު ބިލު ކުޑަކޮށްދިނުމުގެ އިތުރުން، ބޭނުންނުކުރާ ވަޤުތުތަކުގައި ޗާޖަރުން ކަރަންޓު ކަނޑާލުމުން ލިބޭ އަނެއް ފައިދާއަކީ އަލިފާނުގެ ޙާދިޘާތަކާއި، ޝޯޓުވުމުގެ ފުރުޞަތު ކުޑަވެގެން ދިޔުމެވެ.
"ޗާޖަރު ކަރަންޓަށް ޖަހާފައި ބެހެއްޓުމުން އަލިފާނުގެ ހިރާސަށް ހުށަހެޅޭ، ޚާއްޞަ ގޮތެއްގައި ޗާޖަރު ތެރޭގައި ހުރި ވަޔަރިންގ ދަށް ކޮލިޓީގައިވާ ނަމަ ނޫނީ ގިނަދުވަސް ވުމުން ގެއްލުންވާ ނަމަ. އަޅުގަނޑަށް ފެނިފައި އެބަހުރި އަގުހެޔޮ ޢާދައިގެ ޗާޖަރުތައް އައުޓްލެޓަށް ޖަހާފައި ހުއްޓައި ހޫނުގަދަވެގެން އަނދާފައި ނުވަތަ ޝޯޓުވެފައި ހުރި ތަން. ކޮލިޓީ ރަނގަޅު ޗާޖަރުތައް ވެސް ބައެއް ފަހަރު ހޫނުގަދަވެދާނެ. އެހެންވީމާ ބޭނުންނުކުރާ ވަޤުތު އެ އެއްޗެހި ލުހެލުމަކީ ހަމަ ރަނގަޅު ބުއްދިއެއް." އެބްރެމޯވ މަޢުލޫމާތު ދެއްވިއެވެ.
ވެމްޕަޔަރ އެނަރޖީއަކީ ކޮބައި؟
ވެމްޕަޔަރ އެނަރޖީ (ނުވަތަ ފެންޓަމް ލޯޑް) އަކީ ބޭނުންނުކުރާ ވަޤުތު އާލަތްތަކުން ދަމާ ކަރަންޓު ހަކަތައިގެ މިންވަރެވެ. މި ގޮތުން، ބޭނުންނުކޮށް ކަރަންޓަށް ޖަހާފައި ހުންނަ އެންމެ ޢާދައިގެ ޗާޖަރުން ވެސް 0.1އާއި 0.5އާ ދެމެދުގެ ވޯޓުގެ ކަރަންޓު ދަމައެވެ. މި ޢަދަދު ކިތަންމެ ކުޑަޔަސް، ބައިވަރު އާލަތްތަކެއް ގެންގުޅޭއިރު، އަހަރެއްގެ މައްޗަށް މި ހަކަތަ ވަރަށް ބޮޑަށް އިތުރުވާނެއެވެ.
ޗާޖަރު ލުހެލުމުން ލިބޭ އެހެނިހެން ފައިދާތައް
ގިނަ މީހުން ޗާޖަރު ބޭނުންކޮށް ނިމުމުން ލުހެނުލައި ބަހައްޓަނީ ހަމަ އެންމެ ބޭނުމެއްގައެވެ. އެއީ ދެން ފަހަރަކުން ޗާޖު ކުރަން އަންނައިރު އެ ޗާޖަރު އަލުން ޖަހަން މަސައްކަތަށެވެ. ނުވަތަ އަލުން ކަރަންޓު ފިތަށް އޮބާލަން މަސައްކަތަށެވެ.
ނަމަވެސް ބޭނުންނުކުރާ ވަޤުތު ޗާޖަރު ކަރަންޓަށް ނުޖެހުމުން ލިބެނީ އެތައް ފައިދާއެކެވެ. މީގެ ތެރޭގައި ހަކަތަ ސަލާމަތްކުރުމާއި، ޚަރަދު ކުޑަވުމާއި، އަލިފާނުގެ ބިރު ކުޑަވެގެންދިޔުމާއި، އަދި ސުމޭކު އާލަތުގެ ޢުމުރު ދިގުވެގެން ދިޔުން ވެސް ހިމެނެއެވެ.
އެބްރަމޯވ ހާމަކުރެއްވި ގޮތުގައި، އަބަދު ކަރަންޓަށް ގުޅާފައި ބެހެއްޓުމުން، ޗާޖަރުގެ އެތެރޭގެ ބައިތައް މަޑުމަޑުން ހަލާކުވަމުން ދާނެއެވެ. ޚާއްޞަ ގޮތެއްގައި ކަރަންޓުގެ ވޯލްޓޭޖް އެއްވަރެއްގައި ނުހުންނަ ސަަޙައްދުތަކުގައި މި ގެއްލުން ލިބުމުގެ ފުރުޞަތު އިތުރަށް ބޮޑެވެ. ވީމާ، ޗާޖަރު ލުހެލުމުން ޗާޖަރު ގިނަ ދުވަހު ބޭނުންކުރެވުމަށް ވެސް މަގުފަހިވެގެން ދެއެވެ.
އިސްވެ ދެންނެވުނު ނުކުތާތަކުގެ އަލީގައި، ބޭނުންނުކުރާ ވަޤުތު ޗާޖަރު ޓޮޕު ލުހެލުން، ނުވަތަ ކަރަންޓު ފިތް ނިއްވާލުމަކީ މުހިންމު ކަމެއް ކަން ދޭހަވެއެވެ. ވީމާ، މި ގޮތަށް ކަންކުރުމަށް މަސައްކަތްކުރަމާ ހިނގާށެވެ.