Ads by Stelco

ޚަބަރު

އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވެއްޖެ!

އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވެއްޖެ!

ރާއްޖޭގެ ލިއުންތެރިންގެ ބައެއް ފޮތް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ނޮވެމްބަރު 2025، 06:08

05 ނޮވެމްބަރު 2025، 06:08

އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، ދަ ބާރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އަރޓިސްޓިކް ވޯކްސްގައި ދިވެހިރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ. މިއީ ދިވެހިރާއްޖޭގެ ކޮޕީރައިޓް ހިމާޔަތްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ވާދަވެރި އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި މުއާހަދާގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" މިމަހުގެ 3 ވަނަ ދުވަހު ވަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮގަނައިޒޭޝަން (ވައިޕޯ) އަށް ހުށައަޅާފައެވެ. ބާރން ކޮންވެންޝަން ދިވެހިރާއްޖޭގައި ތަންފީޒްކުރަން ފެށޭނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ.

މި މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން، ދިވެހި އުފެއްދުންތެރިން ވަކިން ޚާއްސަކޮށް ލިޔުންތެރިން، ކުރެހުންތެރިން، މިއުޒިކް އުފައްދާ ފަރާތްތައް، ފިލްމް އުފައްދާ ފަރާތްތައް އަދި އެހެނިހެން އުފެއްދުންތެރި ފަންނުވެރިންގެ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ހިމާޔަތް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތަކާއި އެއްފަދައިން، ބާރން ޔޫނިއަންގެ 181 ގައުމުން ދިވެހި އުފެއްދުންތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެއެވެ.

މި ފިޔަވަޅަކީ 2030 ވަނަ އަހަރާއި ހަމައަށް ކްރިއޭޓިވް އަދި ޑިޖިޓަލް އިކޮނޮމީ ދާއިރާ ގައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު %15 އަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ފިކުރީ މުދަލުގެ ވަށައިޖެހޭ ނިޒާމެއް ގާއިމްކުރުމަށާއި ދިވެހިރާއްޖޭގައި ކަލެކްޓިވް މެނޭޖްމަންޓް އޯގަނައިޒޭޝަންތައް އުފައްދައި، ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރަ ހޯދޭނެ މަގު ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން