ވިޔަފާރި / ޚަބަރު

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒު ވޯލްޑް ޓްރެވަލް މާކެޓް ފަށައިފި!

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒު ވޯލްޑް ޓްރެވަލް މާކެޓް ފަށައިފި!

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖެއިން ބައިވެރިވި ޓީމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ނޮވެމްބަރު 2025، 06:26

05 ނޮވެމްބަރު 2025، 06:26

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒު ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއު.ޓީ.އެމް) 2025، މިއަދު އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ފަށައިފިއެވެ. މި މަޢުރަޒަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން މިއަހަރުގެ މަޢުރަޒާ ކުރިމަތިލާފައި މިވަނީ، އިނގެރޭސި މާކެޓުން ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ހޯދާފައިވާ މުހިއްމު ދަނޑިވަޅެއްގައެވެ. މިގޮތުން، މި މަހުގެ 4ވަނަ ދުވަހާ ހަމައަށް 1.8 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 3ވަނަ ޤައުމެވެ. މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް އިނގެރޭސިވިލާތުން 159،615 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ކުރީގެ އަހަރާ އަޅާބަލާއިރު %16 ގެ ކުރިއެރުމެކެވެ.

މިއަހަރުގެ މަޢުރަޒުގައި ރާއްޖޭގެ ވަފްދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. މި މައުރަޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ، އިނގެރޭސިވިލާތަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި މާކެޓުގެ ދެމެހެއްޓެނިވި ކުރިއެރުމަކީ އިނގެރޭސި ފަތުރުވެރިންނާއެކު އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންވެސްޓްމަންޓްތައް އިތުރު ކުރުމާއި، ރޭވުންތެރި މާކެޓިންގ ކެމްޕޭންތައް މި ސަރަހައްދަށް އިތުރުކުރަމުން. ސިނާޢަތުގެ ބައިވެރިންނާއެކު ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ އިތުރުން މިއަހަރުގެ ޑަބްލިއުޓީއެމްއަކީ މި ލަނޑުދަނޑި ހާސިލްކުރުމަށް ފަހިވާ މުހިއްމު ފުރުސަތެއް

ވަޒީރު ޠާރިޤް އިބްރާހިމް 

މި މަޢުރަޒުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، އަންނަ އަހަރަށް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޝިޢާރު "އޯޝަން ނޭޝަން" އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޝިއާރަކީ، ދިވެހީންގެ ދިރިއުޅުމާއި، ސަޤާފަތާއި އާދަކާދަ ކަނޑުތަކާ ގުޅުންހުރި މިންވަރު ދައްކުވައިދިނުމުގެ އިތުރުން ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ލާމަސީލު ނަމޫނާއެއް ދައްކާ ޤައުމެއްގެ ގޮތުގައި ނަން ފަވާލުން ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަފްދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން 160 ފަރާތެއް ބައިވެރިވެއެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދޭ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 650 އަކަމީޓަރުގެ ސްޓޭންޑުގައި މި ކުންފުނިތަކުން ގިނަ ބައްދަލުވުންތަކާއި، މުޢާމަލާތްތައް ހިންގާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.



މި ސްޓޭންޑުގައި މައުލޫމާތު ދިނުމަށް ދެ ކައުންޓަރެއް ޚާއްސަކޮށްފައިވާއިރު، ފެއަރއަށް ޒިޔާރަތްކުރާ މީހުންނާއި، ރާއްޖޭގެ ސްޓޭންޑުގެ އެންގޭޖްމެންޓު ވަރުގަދަކޮށް ޝައުޤުވެރިކަން ހިފެހެއްޓުމަށް ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ޚާއްސަ ފޭން ޒޯނެއްވެސް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ހިތްގައިމު ކަނޑުއަޑީގެ ދިރުންތަކުގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ހުރި އެކި ފުރުސަތުތައް ދައްކުވައިދޭ ހޮލޮގްރަފިކް ޑިސްޕްލޭ އެއްވެސް މި ސްޓޭންޑުގެ އިންޓަރެކްޓިވް ޒޯންގައި ބެހެއްޓިފައިވެއެވެ. މި ސްޓޭންޑުގައި 46 ކޯ-އެގްޒެބިޓަރ ކައުންޓަރާއި، 55 ބީ2ބީ މީޓިންގ ޓޭބަލްގެ އިތުރުން އިންޑަސްޓްރީ މީޓިންތަކަށް ޚާއްސަ ތިން އޭރިއާއެއް ގާއިމްކޮށްފައިވާއިރު، ދޭދޭ ކުންފުނިތަކުގެ ގުޅުން ވަރުގަދަ ކުރެވޭނެ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން