Ads by Stelco

ޚަބަރު

ހިތަދޫ މޫލެކެޑެ ނުހިއްކުމަށް އެދި ރައީސްގެ އައްޑޫ ދަތުރުފުޅުގައި ޚާއްޞަ ސިޓީއެއް އަރުވައިފި

ހިތަދޫ މޫލެކެޑެ ނުހިއްކުމަށް އެދި ރައީސްގެ އައްޑޫ ދަތުރުފުޅުގައި ޚާއްޞަ ސިޓީއެއް އަރުވައިފި

ރައީސްގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން.

farudhun logo

ފަރުދުން

06 ނޮވެމްބަރު 2025، 05:09

06 ނޮވެމްބަރު 2025، 05:09

އައްޑޫ ހިތަދޫގައި އޮންނަ ގޮންޏެއް ކަމަށްވާ "މޫލެކެޑޭ ފިށިމަތި" ސަރަޙައްދު ހިއްކައި، މަގު ހެދުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢު ކުރިއަށް ނުގެންދިޔުމަށް އެދި، އައްޑޫގެ ތިމާވެށި ރައްކައުތެރިކުރުމާ ބެހޭ ޖަމްޢިއްޔާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ސަަރަޙައްދު ހިއްކުމަށް ސަރުކާރުން ނިންމާފައިވަނީ، ލިންކް ރޯޑް ސީދާ ކުރުމާއި، އެ ސަރަޙައްދުން ނުބައި ވަސް ދުވުން ފަދަ މައްސަލަތައް ޙައްލުކުރުމަށް އެދި ހިތަދޫގެ ޢާންމުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެހެނަސް، އެތަން ނުހިއްކުމަށް "ތިމާވެށި ޕްރޮޖެކްޓް" ނަމަކަށް ކިޔާ ޖަމްޢިއްޔާއަކުން ވަކާލާތުކޮށް، އިއްޔެ ރައީސް އައްޑުއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނާ ސިޓީއެއް ވަނީ ޙަވާލުކޮށްފައެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވަނީ، މަޝްރޫޢު ހިންގުމަށް އެދި ހިތަދޫއިން ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު ރައްޔިތުން ކަމަށާއި، އެ ގޮތުން، މޫލެކެޑެ ސަަރަޙައްދުގައި 5،439 މީހުން ދިރިއުޅޭއިރު ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެންމެ 122 މީހުން ކަމަށެވެ. އަދި ހަމަ އެހެންމެ، އެ ސަރަޙައްދު ހިއްކުމަކީ ހިތަދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ނުބައި ވަސް ދުވުމުގެ މައްސަލައަށް ޙައްލުލިބޭނެ ކަމެއް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

"މަޝްރޫޢުގެ ސަބަބުން ޤަވާޢިދާ ޚިލާފަށް ކުނި ނައްތާލުމާއި، ތަން ތަޣައްޔަރުވުމަކީ މާ ގާތް ކަމެއް." ސިޓީގައި ވެއެވެ.

ތިމާވެށި ޕްރޮޖެކްޓު ޖަމްޢިއްޔާއިން ބުނީ، މޫލެކެޑެ ފިށިމަތި ސަރަޙައްދަކީ އައްޑޫގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ތަން ކަމުގައިވާ ނޭޗަރ ޕާކާ ވަރަށް ކައިރީގައި، ނޭޗަރ ޕާކުގެ "ބަފަރ ޒޯނެއް"ގެ ގޮތުގައި އޮތް ތަނެއް ކަމަށެވެ. އެހެންވެ އެ ތަން ހިއްކުމާ ޙިއްޞާދާރުން ދެކޮޅު ހަދާފައިވާ ކަމަށް ސިޓީގައި ވެއެވެ.

މޫލެކެޑެ ސަރަޙައްދު ހިއްކުމުގެ ބަދަލުގައި ތަރައްޤީ ކުރެވިދާނެ ގޮތުގެ ޕްލޭނެއް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ.) ރިޕޯޓްގައި ހިމަނާފައިވާ ކަމަށާއި، އެއީ ތިމާވެށި ޕްރޮޖެކްޓް ޖަމްޢިއްޔާ އާއި އެ ސަރަޙައްދު ހިއްކުމާ ދެކޮޅު ރައްޔިތުން ބަލައިގަންނަ ޕްލޭނެއްް ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އެ ޕްލޭންގައިވާ ގޮތުން، ފިށިމަތި ގޮނީގައި ހަދާނީ ހިނގާފައި ހުރަސްކުރާ، ތިމާވެށްޓަށް ގެއްލުން ނުލިބޭ ގޮތަށް އޮންން ފާލަމެކެވެ.

ސިޓީގައި ހުށަހަޅާފައިވާ ކަންތައްތައްތަކަކީ ސިޔާސީ މޭރުމަކުން ހުށަހަޅާ ކަންކަމެއް ނޫން ކަމަށާއި، ވީމާ އެ މަޝްރޫޢު ހުއްޓައިދެއްވުން އެދޭ ކަމަށް ސިޓީގެ ނިމުމުގައި ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން