ވިޔަފާރި / ޚަބަރު

ޑަބްލިއުޓީއެމް 2025 ވަރަށް ކާމިޔާބު، އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށްވެގެންދާނެ: ވަޒީރު ޠާރިޤް

ޑަބްލިއުޓީއެމް 2025 ވަރަށް ކާމިޔާބު، އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށްވެގެންދާނެ: ވަޒީރު ޠާރިޤް

ޑަބްލިއުޓީއެމް 2025 ގެ ތެރެއިން ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ނޮވެމްބަރު 2025، 03:30

07 ނޮވެމްބަރު 2025، 03:30

މިއަހަރުގެ ވޯލްޑް ޓްރެވަލް މަރޓް (ޑަބްލިއުޓީއެމް) ފެއަރ ވަރަށް ކާމިޔާބު ކަމަށާއި، މި ފެއަރގެ ސަބަބުން ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒު ކަމަށްވާ ޑަބްލިއުޓީއެމްގެ ފަހު ދުވަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑެތި އެއް މަޢުރަޒު ކަމަށްވާ ޑަބްލިއުޓީއެމްގައި ރާއްޖެ ތަމްސީލުކުރުމަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ (ވީއެމްސީ) ވަފުދެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން 160 ފަރާތެއް ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދޭ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 650 އަކަމީޓަރުގެ ސްޓޭންޑުގައި، މި ކުންފުނިތަކުން ވަނީ ގިނަ ބައްދަލުވުންތަކާއި، މުޢާމަލާތްތައް ހިންގާފައެވެ.

މިއަހަރުގެ މަޢުރަޒުގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. މި މައުރަޒާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤް ވިދާޅުވީ، އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި މާކެޓުގެ ދެމެހެއްޓެނިވި ކުރިއެރުމަކީ އިނގިރޭސި ފަތުރުވެރިންނާއެކު އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިއަހަރުގެ ޑަބްލިއުޓީއެމް ކާމިޔާބުކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޑަބްލިއުޓީއެމްގެ ތެރެއިން ގާތްގަނޑަކަށް 4000އަށްވުރެ ގިނަ ފަރާތުން ރާއްޖޭގެ ސްޓޯލްތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޔޫރަޕްގެ ސަރަހައްދުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ ކަމަށެވެ.

ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ، ޔޫރަޕްގެ ސަރަހައްދުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ

ވަޒީރު 

ޑަބްލިއުޓީއެމްގެ ތެރެއިން މުހިއްމު ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ތުރުކީވިލާތް އަދި ގްރީސްގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކޮށް، އެޤައުމުތަކުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ބްރިޓިޝް އެއަރވޭސް އަދި ވަރޖިން އެޓްލާންޓިކް ފަދަ އެކި އެއަރލައިންތަކާ ބައްދަލުކޮށް، ރާއްޖެއަށް އިތުރު ފްލައިޓުތައް ގެނެސް އެ އެއަރލައިންތަކާއި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަކީ ރާއްޖެއަށް އަަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް މި ސިނާއަތުގެ ނަފާ އެންމެންނަށް ލިބޭނެ މަގު ފަހިކުރަމުންދާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



އިންގިރޭސިވިލާތަކީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. އެޤައުމަކީ، މިހާރު ރާއްޖެއަށް 3ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް އިނގިރޭސިވިލާތުން ރާއްޖެއަށް 159،615 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %16 ގެ ކުރިއެރުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން