ވިޔަފާރި / ޚަބަރު

ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ޕާޓާއާ ދިވެހިރާއްޖެއާ މަޝްވަރާކޮށްފި

ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ޕާޓާއާ ދިވެހިރާއްޖެއާ މަޝްވަރާކޮށްފި

ޕާޓާއާ އެކު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ނޮވެމްބަރު 2025، 04:59

07 ނޮވެމްބަރު 2025، 04:59

މުޖުތަމައުގެ ތަރައްގީއަށް އިސްކަންދީގެން ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)އާ ދިވެހިރާއްޖެއާ ދެމެދު މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިކުރުމެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އިބްރާހީމް ތޯރިގާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޕާޓާގެ ފަރާތުން އެ އެސޯސިއޭޝަންގެ ސީއީއޯ ނޫރު އަހުމަދު ހަމީދު ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު އެއް މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެ، އެ ދާއިރާގެ ދެމެހެއްޓެނިވި ކުޅަދާނަކަން އިތުރުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތައް ތަންފީޒުކުރުމާއި، މުޖުތަމައީ ތަރައްގީއަށް އިސްކަންދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށްޓަކައި ޕާޓާއާ ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ. ދެ ފަރާތުން ވެސް މިފަދަ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓްރީން އިތުރަށް ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން