ޚަބަރު
ޝާހީނާ ޢަލީއަށް އޭޝިއާގެ ނޯބެލް "ރެމޮން މަގްސޭސޭ އެވޯޑް" ލިބިއްޖެ!
ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރ ޝާހީނާ ޢަލީ ފޮޓޯ:ކްލީން ވޭވްސް
އޭޝިއާ ސަރަޙައްދުގެ އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ތެރޭގައި ހިމެނޭ "ރެމޮން މަގްސޭސޭ އެވޯޑް" ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރ ޝާހީނާ ޢަލީއަށް ލިބިއްޖެއެވެ. ދިވެހިރާއްޖެއަށް ލިބުނު މިފަޚުރުވެރި އެވޯޑަކީ، ތިމާވެށީގެ ދާއިރާއިން، ވަކިން ޚާއްސަކޮށް ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ޝާހީނާ ކުރައްވަމުން ގެންދަވާ މުހިއްމު އަދި ހިތްވަރުގަދަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ލިބުނު އެވޯޑެކެވެ.
މި އެވޯޑާއި ގުޅިގެން ރެމޮން މަގްސޭސޭ އެވޯޑް ފައުންޑޭޝަނުން ބުނީ، އެފައުންޑޭޝަންގެ ބޯޑުން ކަނޑުގެ ދިރުން ޙިމާޔަތްކުރުމަށް ޝާހީނާ ކުރަމުންދާ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި އޭނާގެ މަސައްކަތް އަންނަން އޮތް ޖީލުތަކަށް ގެންގޮސްދީ ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލު ހޯދުމަށް ދިވެހީންގެ ބިނާކުރަނިވި ވިސްނުމެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތް އެފައުންޑޭޝަނުން ފާހަގަކުރާ ކަމަށެވެ.
ޝާހީނާއަކީ ތިމާވެށީގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާ ޑައިވަރެކެވެ. އޭނާ ވަކިން ޚާއްސަކޮށް، ކުންޏާއި، ޕްލާސްޓިކާއި ދެކޮޅަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. މިގޮތުން ޕްލާސްޓިކް އެއްކޮށް ރީސައިކަލް ކުރުމާއި، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ. ޕާލޭ މޯލްޑިވްސްއިން އެކި ފަރާތްތަކާއި ގުޅިގެން މިހާތަނަށް 70 އަށްވުރެ ގިނަ ސްކޫލްގައި ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، 700 އަށްވުރެ ގިނަ ކްލީންއަޕް ޕްރޮގްރާމް ވަނީ ހިންގާފައެވެ.
ފިލިޕިންސްގެ 7 ވަނަ ރައީސް ރެމޮން މަގްސޭސޭގެ ނަމުގައި ދެމުންދާ މި އެވޯޑަކީ، 1958 ވަނަ އަހަރުން ފެށިގެން ދެމުންދާ އެވޯޑެކެވެ. ކޮންމެ އަހަރެއްގައިވެސް މި އެވޯޑު ލިބޭ ފަރާތްތައް އޯގަސްޓް މަހު ޢިއުލާން ކުރެއެވެ. އަދި ފިލިޕިންސްގެ މެނީލާގައި މި އެވޯޑު ދިނުމުގެ ޙަފްލާ ބާއްވަނީ، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.