ކުޅިވަރު
ދިވެހި ސާރފް ލީގުގެ ޗެމްޕިއަންކަން އަޙުމަދު އާގިލް ހޯދައިފި
މިއީ އަޙުމަދު އާގިލް ޤައުމީ ސާރފް ލީގު ކާމިޔާބުކުރި ދެވަނަ ފަހަރު--- ފޮޓޯ: އެމްއެސްއޭ / ސިޑިބަރި
ފަރުދުން
08 ނޮވެމްބަރު 2025، 06:18
08 ނޮވެމްބަރު 2025، 06:18
ދިވެހި ސާރފް ލީގު 2025 ގެ ޗެމްޕިއަންކަން އަޙުމަދު އާގިލް ހޯދައިފިއެވެ.
މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ލީގު ޗެމްޕިއަންކަން އޭނާ ހޯދި ދެވަނަ ފަހަރެވެ. އާގިލް ވަނީ 2022ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި ސާރފް ލީގު ވެސް ކާމިޔާބުކޮށްފައެވެ.
މޯލްޑިވްސް ސާރފިން އެސޯސިއޭޝަން (އެމްއެސްއޭ)އިން ވަނީ މި އަހަރު ތިން މުބާރާތެއް ބާއްވާފައެވެ. އަދި އާގިލް ވަނީ އެންމެ ފުރަތަމަ އޮތް މުލީކޮޅު ރާޅުގަނޑާއި މި އަހަރު މުޅިން އަލަށް ލ. މާބައިދޫގައި ބޭއްވި ކެރަންޑޫގެ ޗެމްޕިއަންކަން ހޯދާފައެވެ.
ރަންނަމާރި ޗެލެންޖުން އާގިލް ކެޓީ ކުއާޓާރ ފައިނަލުން ބަލިވެގެންނެވެ.
ލީގު ޗެމްޕިއަންކަން ދިނުމުގައި އެމްއެސްއޭ އިން ބަލާފައި ވަނީ މި އަހަރުގެ ލީގުގެ ތިން މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯރ ކުރި ދެ މުބާރާތުގެ ނަތީޖާއަށެވެ.
އާގިލްއަށް ޗެމްޕިއަންކަން ލިބުނީ ފުރަތަމަ ދެ މުބާރާތް ކާމިޔާބު ކޮށްގެން 2،000 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނަ ލިބުނީ ރަންނަމާރި ޗެލެންޖު ކާމިޔާބުކޮށް 1،860 ޕޮއިންޓް ހޯދާފައިވާ ޔަސީން އަޙުމަދު ނާޝިދަށެވެ. އޭނާ ވަނީ ކެރަންޑޫގައި އަންމަޑޭއާ ދެކޮޅަށް ފައިނަލްގައި ވާދަ ކޮށްފައެވެ. ޔަސީންއަކީ ލީގުގެ 18 އަހަރުން ދަށުގެ ޖޫނިއާރ ބައިގެ ޗެމްޕިއަނެވެ.
އާގިލްގެ އިތުރުން ދެން ލީގު ކާމިޔާބު ކޮށްފައި ވަނީ ހޫދު އަޙުމަދު އާއި ޙުސެއިން އަރީފްއެވެ. މީގެ ތެރެއިން 2023 ގެ ލީގު ކާމިޔާބުކުރި އަރީފް ވަނީ، އެ ކާމިޔާބަށްފަހު ރާޅާއެޅުމުން ރިޓަޔާކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ހޫދު މި އަހަރުގެ ލީގުގައި ހަމައެކަނި ވާދަކޮށްފައި ވަނީ މުލީކޮޅު ރާޅުގަނޑުގައެވެ.