ވިޔަފާރި / ޚަބަރު
ހަނިމާދޫ އެއަރޕޯޓުން އުތުރުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑު ހިތްވަރެއް ލިބޭނެ : ކުރީގެ ރައީސް ޑރ. ވަޙީދު
ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު ރާއްޖެއިން އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވިގެންދިއުމާއެކު ރާއްޖެއިން އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިންކުރަންޖެހޭ ދަތުރު ކުރުވެ، ޚަރަދު ކުޑަވާނެ ކަމަށެވެ. އެގޮތުން، މިކަމުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ހުންނަ ރިސޯޓުތަކަށާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. ވަޙީދު ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވަމުންދާއިރު، ޑިމާންޑާ އެއްވަރަށް އެ ސަރަހައްދަށް ރިސޯޓާއި ގެސްޓްހައުސް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި މިކަމަށް ސަރުކާރުންނާއި ކައުންސިލްތަކުން އިންވެސްޓްމެންޓް ލުއިތައް ދޭންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރަހައްދުގައި އެއަރޕޯޓުން 40 މިނެޓަށްވުރެ ކުޑަ ރޭންޖެއްގައި 3000އަށް ވުރެ ގިނަ އެނދު ހުންނަން އެބަޖެހޭ. ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން ޓޫރިޒަމަށް ހިތްވަރު ދިނުމަށް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ޓޫރިޒަމަށް އިންވެސްޓްކުރާ މީހުންނަށް ކައުންސިލްތަކުން އިންސެންޓިވްއެއްދީ ލުއިތައް ދީ އެހީތެރިވުން އެއީ ވަރަށް މުހިންމު ކަމެއް،
ރައީސް ޑރ. ވަޙީދު
ރައީސް ޑރ. ވަޙީދު އިތުރަށް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއެކު އުތުރުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭނެ ކަމަށެވެ. އަދި ސަރަހައްދުގައި ދަތުރުފަތުރުގެ ލުއިކަން ހޯދައިދިނުމަށްވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.
2012 ވަނަ އަހަރުން ފެށިގެން ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހިންގަމުން އައި ނަމަވެސް، އެންމެ އެދެވޭ ވަޞީލަތްތައް އެއަރޕޯޓުގައި ޤާއިމުކޮށްފައެއް ނުވެއެވެ. އެހެންކަމުން ޙަޤީޤީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ޚިދުމަތް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެއަރޕޯޓުގައި އިންޓަނޭޝަނަލް ފެންވަރުގެ އައު ޓަރމިނަލެއް ޤާއިމުކޮށް، ރަންވޭ ދިގުކުރުމުގެ މަސައްކަތް ފެށި، މިހާރު ވަނީ އެ މަސައްކަތް ނިމި ހުޅުވަން ތައްޔާރުވެފައެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިމުމުން ޒަމާނީ ފެންވަރަށް ބައިނަލްއަޤުވާމީ އެއަރޕޯޓެއްގެ ޚިދުމަތް ދެވެން ފެށޭނެއެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. މީގެ އިތުރުން އެއަރޕޯޓްގައި ތަރައްޤީކޮށްފައިވާ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލާއެކު އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެކަމަށް އަންދާޒާކުރެވެއެވެ.