ވިޔަފާރި / ޚަބަރު
ބީއެމްއެލްއިން މިއަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު އަލަށް ދޫކޮށްފި
ބޭންކް އޮފް މޯލްޑިވްސް ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް
ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ތެރޭގައި އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ހާމަކޮށްފިއެވެ. މިއީ ޤައުމީ އިޤްތިޞާދަށާއި މުޖުތަމަޢުގެ ކުރިއެރުމަށް ބޭންކުން ކުރަމުންދާ ބޮޑު އިންވެސްޓްމަންޓެއްގެ ހެއްކެކެވެ. ބީއެމްއެލްއިން ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ 3 ވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްފޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ.
މިއަހަރު ދޫކުރި 6.5 ބިލިއަން ރުފިޔާގެ ލޯނު ހަ ދާއިރާއަކަށް ބެހިގެންދާއިރު، އޭގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް 8.71 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލްއިން ވަނީ ދޫކޮށްފައެވެ. މި ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާއިރު، މި ދާއިރާއަށް ދެވޭ މާލީ އެހީތެރިކަމަކީ ޤައުމީ ތަރައްޤީއަށް ދެވޭ ވަރަށް ބޮޑު އެހީއެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށްފަހު ދެން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ އަމިއްލަ ފަރުދުންނަށެވެ. އެއީ 5.34 ބިލިއަން ރުފިޔާގެ ލޯނެވެ. މީގެ އިތުރުން ޢިމާރާތް ކުރުމަށާއި ގެދޮރުވެރިކަމަށް ބީއެމްއެލްއިން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް 5.09 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މިއީ ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަތައް ފޯރުކޮށްދިނުމަށް ބޭންކުން އަދާކުރާ މުހިންމު ދައުރެއްގެ ހެއްކެކެވެ.
ދަތުރުފަތުރާއި ކޮމިއުނިކޭޝަންގެ ދާއިރާއިން 2.40 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، އެކި ވިޔަފާރިތަކަށް 1.04 ބިލިއަން ރުފިޔާގެ ލޯނު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ދޫކޮށްފައެވެ. މި ދާއިރާތަކުގެ އިތުރަށް އެހެނިހެން ދާއިރާތަކަށް 1.11 ބިލިއަން ރުފިޔާވެސް ދޫކޮށްފައިވާކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްޤީއާއި މުޖުތަމަޢުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވީހިނދު، ޤައުމީ ތަރައްޤީގައި ޤައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑެވެ. މި ލޯނުތަކަކީ ޤައުމުގެ އިޤްތިޞާދު ދިރުވައި، އާ ވިޔަފާރިތައް އުފައްދައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.