Ads by Stelco

ޚަބަރު

ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އެން.އައި.ސީ. އާއި ފުލުހުންގެ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އެން.އައި.ސީ. އާއި ފުލުހުންގެ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އެން.އައި.ސީ. އާއި ފުލުހުން ބޭއްވި މަޝްވަރާ ބައްދަލުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ނޮވެމްބަރު 2025، 02:44

09 ނޮވެމްބަރު 2025، 02:44

ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެން.އައި.ސީ.) އިން ހިންގާ ތަޙުޤީޤުތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން، އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން (އެމް.ޕީ.އެސް.) މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ އިދާރާގެ ގުޅުން ބަދަހިކޮށް، ފުލުހުންގެ ހިންގުން ހަރުދަނާކުރުމާއެކު ރައްޔިތުންގެ ޙައްގުތައް ހޯދައިދިނުމުގައި ގުޅިގެން މަސައްކަތް ކުރުމެވެ.

މި މުހިއްމު ބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝުއައިބް އަބްދުއް ރަޙްމާންއާއި އެ ކޮމިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފުލުހުންގެ އިދާރާއިން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި، ފުލުހުންނާ ގުޅޭގޮތުން އެން.އައި.ސީ. އިން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވަރަށް ތަފްޞީލީ މަޝްވަރާތަކެއް ކުރެއްވިއެވެ. އަދި ރައްޔިތުންގެ ޙައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ކުރިއަށް އޮތްތަނުގައި އެކުވެރިކަމާއެކު މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދިނުމުގެ އިތުރުން ތަހުގީގުކުރުމުގައި ދެ އިދާރާއިންވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް އައްޔަނުކުރެއްވި މެންބަރުންނަށް ކޮމިޝަނަރ ނަވީން ތަހުނިޔާވެސް ދަންނަވާފައިވެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުން ފަދަ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އުފައްދާފައިވާ މުހިއްމު މުއައްސަސާއެކެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުބާރު އާލާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން