ވިޔަފާރި / ޚަބަރު
ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް: އެމްޑީއާރު %1 އަށް ކުޑަކޮށް، އައު ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފި
ބޭންކް އޮފް މޯލްޑިވްސްގެ ޕޯއޯއެސް ސިސްޓަމް ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ ވިޔަފާރިތަކަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، އެ ބޭންކުގެ ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) %1 އަށް ކުޑަކޮށްފިއެވެ. މި ބޮޑު ހެޔޮ ބަދަލު ގެނެސްފައިވަނީ ބީއެމްއެލްގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.
ބީއެމްއެލްއިން ވިދާޅުވާ ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް އެ ބޭންކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް މި ބަދަލުގެ ސީދާ ފައިދާ ކުރާނެކަމަށް ބެންކުން ލަފާކުރެއެވެ.
އެމްޑީއާރު ކުޑަކުރުމުގެ މުހިންމުކަން:
އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެވެ. ބީއެމްއެލްއިން ޑެބިޓް ކާޑުގެ ޚިދުމަތް 2000 ވަނަ އަހަރު ތަޢާރަފުކުރި ފަހުން މިހާތަނަށްވެސް މި ރޭޓް ދެމެހެއްޓިފައި އޮތީ %2.5 ގެ ސްޓޭންޑަރޑް ރޭޓެއްގައެވެ. މިހާރު މި ރޭޓު %1 އަށް ކުޑަކުރި މި ފުރަތަމަ ފަހަރަކީ، ބީއެމްއެލްގެ ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް ސީދާ ފައިދާކުރާނެ ކަމެއްގެ ގޮތުގައި ބޭންކުން ދެކެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ.
އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ %1 އަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،
ޝަރީފް
އައު އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީ:
އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލްއިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އައު އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ވެސް ތަޢާރަފުކޮށްފައެވެ. ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، 2 މިލިއަން ރުފިޔާއާ ހަމައަށް އަވަސްގޮތެއްގައި ފައިސާ ލިބޭނެއެވެ. މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށްކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.
މި ފިޔަވަޅުތަކާއެކު، ބީއެމްއެލްއިން ދަނީ ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވެ، މާލީ ދަތިކަން ކުޑަކޮށް، ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރަމުންނެވެ.
Supporting the Business Community!
— Bank of Maldives (@bankofmaldives) November 10, 2025
Merchant Discount Rate reduced to 1% pic.twitter.com/1VLn2NU59M