ޚަބަރު
މިސްކިތަށް ގެއްލުން ދިނުމުގެ ދެ މައްސަލައެއް: ތުހުމަތުކުރެވޭ މީހަކު ހައްޔަރުގައި
ޠައިބާ މިސްކިތުގެ ކުޑަދޮރު ތަޅާލައިފައި.
ފަރުދުން
11 ނޮވެމްބަރު 2025، 03:36
11 ނޮވެމްބަރު 2025، 03:36
އައްޑުއަތޮޅު ހިތަދޫގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައަކާއި، މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައްސުލްޠާން ޙަސަން ޢިއްޒުއްދީން މިސްކިތުގެ (ޠައިބާ މިސްކިތުގެ) ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ހެނދުނު 7:00ހައިއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަޙުޤީޤަށް ކުށުގެ ވެށިން ވަނީ މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެއީ ގއ. ގެމަނަފުށި، އައްޑަނަ، މުޙައްމަދު މުޠީޢު ޙަސަން (24އ) އެވެ.
އައްޑޫ ހިތަދޫގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ވެސް އިއްޔެ ހަވީރު 5:40ހައިއިރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
"މިޝްކާތު ފައުންޑޭޝަން" ނަމަކަށް ކިޔާ ޕޭޖަކުން ފޭސްބުކްގައި ޢާންމުކޮށްފައިވާ ތަޞްވީރުތަކުން ފެންނަ ގޮތުގައި، މަސްޖިދު ޢުމަރުލްފާރޫޤުގެ އެތެރޭގައި ބަހައްޓާފައި ހުރި ބައެއް މުޞްޙަފްތަކާއި، ގޮނޑިތަކާއި، ފެން ފުޅިތައް ވެސް ހުރީ މިސްކިތު ތަޅުން މައްޗަށް އުކާލައިފައެވެ.
އެ މައްސަލައާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ މައްސަލަ ބަލައި ތަޙުޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އަޅުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ވުޒާރާއިން ފަށާފައިވާ ކަމަށެވެ.
މިސްކިތުގެ ޙުރުމަތް ކެނޑޭ މިފަދަ ޢަމަލުތައް ބައެއް ފަރާތްތަކުން ހިންގާކަމީ ހިތާމަހުރި ކަމެކެވެ.