Ads by Stelco

ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ ބޯޓުގައި ތިބިފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ ބޯޓުގައި ތިބިފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

"އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ، ސްރީލަންކާގެ މަސް ބޯޓްގެ ޑްރޯން ޝޮޓް ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ނޮވެމްބަރު 2025، 02:38

12 ނޮވެމްބަރު 2025، 02:38

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގެ ތެރެއިން، ދިވެހިރާއްޖޭގެ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ އެ އުޅަނދު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނީ މިމަހުގެ 7ވަނަ ދުވަހުއެވެ. މިބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަސް މީހުންނަކީ 28، 34، 39، 42 އަދި 63 އަހަރުގެ ފިރިހެނުންނެވެ. ކޯޓުން ވަނީ މި ފަސް މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ގުޅުންހުރި ގާނޫނުތަކުގެ ދަށުން، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. ތަހުގީގު ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ތަހުގީގުގައި ބައިވެރިވާ އިދާރާތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ތަހުގީގު ފުރިހަމަވުމުން މި މައްސަލަ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެއެވެ.

ސްރީލަންކާގެ މަސްބޯޓު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ގޯނި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި ޖުމްލަ 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމްއާއި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތިކަމަށް ފުލުހުން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން