ޚަބަރު
މި މަހުގެ 23 އިން ފެށިގެން އީ-ވިސާއަށް އެދި ހުށަހެޅޭނެ : އިމިގްރޭޝަން
އިމިގްރޭޝަނުންގެ މުވައްޒަފުން
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރާ ވިސާގެ ކަންކަން ފަސޭހަކޮށް، ޒަމާނީ ކުރުމަށް ތަޢާރަފްކުރި "އީ-ވިސާ"އަށް އެދި ހުށަހެޅުން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހުގެ 10 ވަނަ ދުވަހު، މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި "އީ-ވިސާ" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި ޚިދުމަތްތައް ތަޢާރަފްކުރެވުނީ ވިސާގެ ކަންކަން ކުރުމަށް ކުރިން ވަރަށް ގިނަ ވަގުތު ނަގާކަމުގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދީ، އިމިގްރޭޝަނަށް ޒިޔާރަތްކުރަން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމުގެ މަގުސަދުގައެވެ.
އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ ކުރިން، ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުހަލާއަށް ތައްޔާރުވުމަށް ފުރުޞަތު ދިނުމުގެ ގޮތުން ވަނީ މިމުއްދަތު ދީފައެވެ. މި މުއްދަތުގެ ތެރޭގައި، އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިޢުކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، އިމިގްރޭޝަނުން ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅޭނެ ކަމަށް ބުނެފައެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ ފަހުން ވިސާ ޖެހި ނަމަވެސް އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރަމުންދާނެ ކަމަށާއި، ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީ އެންމެ އަވަސް ފުރުޞަތެއްގައި ނެގުމަށް އިލްތިމާސްކޮށްފައިވެއެވެ.
އީ-ވިސާގެ ޚިދުމަތާއެކު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވިސާގެ އެންމެހާ ކަންކަން ފަސޭހަކަމާއެކު އޮންލައިންކޮށް، ގޭގައި ތިބެގެން ނުވަތަ އޮފީހުގައި ތިބެގެން ކުރެވިގެންދާނެއެވެ. މިއީ ސަރުކާރުން ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.