Ads by Stelco

ޚަބަރު / ވިޔަފާރި

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުުރުވެރިންގެ ޢަދަދު 3 ލައްކައިން މައްޗަށް

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުުރުވެރިންގެ ޢަދަދު 3 ލައްކައިން މައްޗަށް

ޗައިނާގެ ފަތުުރުވެރިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2025، 09:54

13 ނޮވެމްބަރު 2025، 09:54

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އެންމެ ބޮޑު ޚިއްޞާއެއް އޮތް ޤައުމު ކަމަށްވާ ޗައިނާއިން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 3 ލައްކައިން މައްޗަށް އަރައިފިއެވެ. 

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމު ކަމުގައި މިހާރު ވަނީ ވެފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޖުމްލަ 300,352 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދު ވަނީ މިދިޔަ އަހަރު (2023) މުޅި އަހަރުތެރޭގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި 263,042 ފަތުރުވެރިންގެ ޢަދަދަށްވުރެ %14 އިތުރުވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޗައިނާގެ ބާޒާރުން ލިބެމުންދާ އިތުބާރު ބޮޑުކަން ހާމަކޮށްދޭ އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމުލަ ފަތުރުވެރިންގެ %15 ހިއްސާ މިހާރު ކުރަނީ ޗައިނާ ފަތުރުވެރިންނެވެ. މުޅި ޖުމްލަ ފަތުރުވެރިންގެ ޢަދަދު ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދު މިދިޔަ އަހަރުގެ އެއް މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.7 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.8 އިތުރެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ކުރިއެރުންތަކާއެކު، މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,446 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. ޗައިނާގެ ބާޒާރުގެ މި ވަރުގަދަ ކުރިއެރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ހިތްވަރެކެވެ، އަދި މި އަހަރުގެ ނިޔަލަށް ފަތުރުވެރިންގެ ޢަދަދު އިތުރަށް މަތިވާނެ ކަމަށް ލަފާކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން