ވިޔަފާރި / ޚަބަރު
މަސްވެރިންގެ ޤައުމީ ދަފްތަރުގެ ދަށުން 49 މަސްވެރިއަކަށް ބީއެމްއެލް ލޯނު ދޫކޮށްފި
މަސްވެރިން މަސްބާނަނީ. ފޮޓޯ: މޯލްޑިވްސް މެގަޒީން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެފައިވަނީ، މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 49 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިއީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިން ދައުލަތް ދަންނަ ބަޔަކަށް ހެދުމަށްޓަކައި މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި، އެ ފަރާތްތަކަށް ފައިނޭންސް ފަސޭހަކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ ނަތީޖާއެކެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށިއެވެ. މި މަސައްކަތުގެ އެންމެ މުހިންމު އެއް ބޭނުމަކީ މީގެކުރިން މަސްވެރިންނަށް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އަދި އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްފަދައިން، މަސްވެރިންނަކީވެސް ދައުލަތް ދަންނަ، ފަސޭހައިން ލޯނާއި އެނޫންވެސް ޚިދުމަތްތައް ލިބޭނެ ބަޔަކަށް ހެދުމެވެ.
މި މަސައްކަތުގެ ތެރެއިން، މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް، ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން، މިމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް 49 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ.
މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުވަތަ އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސާދީފައެވެ. މީގެ އިތުރުން، މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.
މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.