ޚަބަރު
އަހަރުގެ މިހާތަނަށް 2،900 އަށްވުރެ ގިނަ އެނދު އިތުރުކޮށް، ފަތުރުވެރިކަމުގެ އެނދު 66،000 އަށް އަރައިފި!
ރާއްޖޭގެ ރިސޯޓެއްގެ ވޯޓާރ ވިލާތައް
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 2،900 އަށްވުރެ ގިނަ އެނދު އިތުރުކުރެވިފައިވާއިރު، މިހާރު ފަތުރުވެރިންނަށް ޚިދުމަތްދެމުންދާ ޖުމްލަ އެނދުގެ އަދަދު 66،000 އަށް އަރާފައިވާކަން ހާމަވެއްޖެއެވެ. މި ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުންދާ މިންވަރު ދައްކުވައިދޭ މުހިންމު ނިޝާނެކެވެ.
ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް މުޅި ޖުމްލަ 66,235 އެނދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަަމަށް ނެރެފައިވަނީ ޖުމްލަ 63,248 އެނދުކަމުން، މިއީ 2,987 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް އިތުރުކުރެވުނު ޖުމްލަ އެނދުގެ އަދަދު 66،000 އަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުން އިތުރުކުރި 44,247 އެނދާއި، ގެސްޓު ހައުސްތަކުގެ 16,068 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,322 އެނދުގެ އިތުރުން ހޮޓާތަކުގެ 2,598 އެނދެވެ. އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 176 ރިސޯޓު، 935 ގެސްޓުހައުސް، 168 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,295 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް ދަނީ ކުރިއެރުން ލިބެމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,897,840 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 9.8 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,728,045 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އަދި އަހަރުގެ މިހާތަނަށް 1.8 މިލިޔަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 402،160 ފަތުރުވެރިންނެވެ. މިހާރު އެވްރެޖްކޮށް ދުވާލަކު 6،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ދަނީ ޒިޔާރާތްކުރަމުންނެވެ. މިހާރުގެ ކުރިއެރުންތަކަށް ބަލާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލްވުމުގެ ފުރުސަތު ބޮޑުކަމަށް ފެނެއެވެ.