Ads by Stelco

ޚަބަރު

ފެނުގެ ނިޒާމް ޤާއިމުކުރުމުގެ 42 މަޝްރޫޢުއެއްގެ މަސައްކަތް މުޅިން ނިންމައިފި!

ފެނުގެ ނިޒާމް ޤާއިމުކުރުމުގެ 42 މަޝްރޫޢުއެއްގެ މަސައްކަތް މުޅިން ނިންމައިފި!

ތ.ދިޔަމިގިލި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ފޮޓޯ:އެމްޑަބްލިއުއެސްސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ނޮވެމްބަރު 2025، 10:46

16 ނޮވެމްބަރު 2025، 10:46

ފެނާއި ނަރުދަމާގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމަށް ސަރުކާރުން ހިންގަވާ މަސައްކަތްތަކުގެ ތެރެއިން، މި ދައުރުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ 42 މަޝްރޫޢުއެއްގެ މަސައްކަތް މުޅިން ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ، ފާއިތުވެދިޔަ ދެ އަހަރު އެ ވުޒާރާއިން ކުރިއަށްގެންގޮސްފައިވާ މަސައްކަތްތަކުގެ ކާމިޔާބީ ޙިއްސާކުރެއްވުމުގެ ތެރެއިންނެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތަށް ބަލާއިރު، މިދިޔަ ދެ އަހަރު ތެރޭގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ ޖުމްލަ 93 މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން 42 މަޝްރޫޢުއެއްގެ މަސައްކަތް މުޅިން ނިންމާ، މިހާރު ވަނީ އެ ރަށްރަށުގެ ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާފައެވެ.

ވުޒާރާއިން ވިދާޅުވީ، ނިމުނު 42 މަޝްރޫޢުގެ ތެރޭގައި އަލަށް ފެށި މަސައްކަތްތަކާއި، ކުރިން ފަށައި ނުނިމި ހުއްޓިފައިހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތްތައް ހިމެނޭކަމަށެވެ. ހުއްޓިފައިވާ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި، ކުރީގެ ކޮންޓްރެކްޓްތައް ބާތިލުކޮށް، އާ ކޮންޓްރެކްޓަރުންނާ މަސައްކަތްތައް ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިވަގުތުވެސް، ރާއްޖޭގެ 51 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް އަންނަނީ ޢަމަލީގޮތުން ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢުތަކުގެ ތެރޭގައިވެސް ކުރިން މަސައްކަތް ހަވާލުކޮށް، ނަމަވެސް ހުއްޓިފައިވާ މަސައްކަތްތަކުގެ ކޮންޓްރެކްޓް ބާތިލުކޮށް، އަލުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ފަށާފައިވާ މަސައްކަތްތައް ހިމެނެއެވެ.

ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 133 ރަށުގައި މިހާރު ވަނީ ނަރުދަމާ ނިޒާމު ޤާއިމުކޮށް، ޚިދުމަތް ދެމުންނެވެ. އާބާދީ އިތުރުވަމުން އަންނަ ރަށްރަށުގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކަށް ޚިދުމަތް ފޯރުކޮށްދިނުމާއި، ނެޓްވަރކް އަޕްގްރޭޑްކުރުން ފަދަ މަސައްކަތްތައްވެސް މިހާރު އަންނަނީ ކުރިއަށްގެންދަމުންނެވެ.

ޤާނޫނު ބުނާގޮތުން، ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮންނަންޖެހެއެވެ. މިކަން ކަށަވަރުކުރުމަށްޓަކައި، 2027 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ޤާނޫނުން ލާޒިމުކޮށް، މުއްދަތު އިތުރުކޮށް އަލުން ޢަމަލުކުރަން ފެށީ މިހެން އޮތީ މިއަހަރުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން