ޚަބަރު
ތާރީޚާއި ތަރިކަ ދިރާސާ ސްކޮލަރޝިޕަކީ ޤައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް މުހިންމު ފިޔަވަޅެއް : ފަސްޓްލޭޑީ
މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް
ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، ޤައުމު ދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފޯރުކޮށްދިން ސްކޮލަރޝިޕް ފުރުޞަތަކީ މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ދިވެހި ދަޤާފަތާ ތަރިކައިގެ ދާއިރާއިން ޖުމްލަ 40 ސްކޮލަރޝިޕް ފުރުޞަތު ވަނީ ފޯރުކޮށްދީފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ދިވެހިން ދިވެހީންގެ ގޮތުގައި އަދި ޤައުމެއްގެ ގޮތުގައި އޮތުމަށް، ދިވެހި ތާރީޚަކީ ކިހާ މުހިންމު އެއްޗެއްކަން ވިސްނާ އެ މަގުން މަސައްކަތްކުރަންޖެހޭކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ތާރީޚީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ޤައުމެއް ނަމަވެސް، މީގެ ކުރީގައި އެތައް ތަރިކައެއް ނެތިގޮސް އަދި ނައްތާލެވިފައިވުމަކީ ކަންބޮޑުވާ ކަމެކެވެ. މީގެތެރޭގައި މައުނަވީ އަދި މާއްދީ ތަރިކަ ހިމެނޭއިރު، ދިވެހިންގެ އިހުގެ ވާހަކަތަކާއި ހިރިގަލު މިސްކިތްތައްފަދަ ބިނާތައްވެސް ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
މާދަރީ ބަހަށްވެސް އަސަރު އެބަ ފޯރާ. ބޭރުގެ ބަހަށް ފަރިތަވަމުންދަނީ, ދިވެހި ތާރީޚާއި ތަރިކަ ދޭހަ ނުވެ, އެކަމުގެ މުހިންމުކަން އިހުޞާސުވާންވީ މީހުންނަށް އިޙުސާސުވޭބާއޭ ހިތަށްއަރާ,އެހެން ޤައުމުތަކުގައި އެމީހުންގެ ބަހާ އާދަތަކަށް ފަރިތަ ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރޭ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު
އެކަމަނާ އިތުރަށް ވިދާޅުވީ، ދިވެހިންގެ ދީނާއި ސަޤާފަތާއި، އާދަކާދައާއި ތާރީޚުގެ ވާހަކަތައް މި އަސާސުގެ މަތީގައި ކުރިއަށްގެންދަންޖެހޭކަމަށާއި އެކަމަށް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަމަށެވެ. އެގޮތުން ދިވެހިންގެ ރީތި އަޙުލާޤާ ދިވެހިންގެ މަސައްކަތެރިކަމާއި ހުނަރުތަކުގެ ހަރުދަނާގޮތްތައް، ރަނގަޅު މިސްރާބުގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ދައްކަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަމިއްލަ ފައިމައްޗަށް ތެދުވެފަވާ، ޝަޢުގާ ހިތްވަރު ހުރި ވަޒަންދެކެ ލޯބިވާ އަމިއްލަވަންތަ ދިވެހި ޖީލުތަކަށް މި ޤައުމު ދަނީ އިންތިޒާރުކުރަމުން. އިސްލާމީ ރިވެހި އަޙުލާޤާ ދިވެހިންގެ ރީތި އާދަކާދަތައް އަލުން ހޯދަންޖެހޭ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދިރާސާ ކުރުމަށް ދޫކުރި ސްކޮލަރޝިޕްތަކުގެ މަޤުޞަދަކީ ދިވެހި ޤައުމުގެ މައުނަވީ އަދި މާއްދީ ތަރިކަތަކަށް ޢިލްމީ ލޮލަކުން ބަލާ ވަޒަންކުރުމުގެ ޤާބިލުކަން އަށަގަންނުވައިދޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. މި މަސައްކަތަކީ ދިވެހި ޤައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ކުރެވޭ އަގުހުރި މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ފާހަގަކުރައްވާފައެވެ.