Ads by Stelco

ޚަބަރު

ޚަޠީބް ޕްރޮގުރާމް ފުރިހަމަ ކުރި 36 ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދީފި

ޚަޠީބް ޕްރޮގުރާމް ފުރިހަމަ ކުރި 36 ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދީފި

ޚަޠީބް ޕްރޮގުރާމް ފުރިހަމަ ކުރި ކައުންސިލަރުންނަށް ހުއްދަދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ނޮވެމްބަރު 2025، 01:22

16 ނޮވެމްބަރު 2025، 01:22

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ކައުންސިލަރުންނަށް ޚާއްސަކޮށްގެން ބޭއްވި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް ފުރިހަމަ ކުރި 36 ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދީފިއެވެ. މިއީ، ރަށްރަށުގައި ޚަޠީބުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެކެވެ.

މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް މި ހުއްދަ އެރުއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ. މި ޕްރޮގްރާމަކީ، ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދިނުމަށް މިގޮތަށް ބޭއްވި ފުރަތަމަ ޕްރޮގުރާމެވެ.

ޕްރޮގްރާމަށްފަހު ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަޙީމް ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއް ކަމަށެވެ. އެނާ ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވާފައެވެ.

ޚަޠީބުން މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، މި ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް ޕްރޮގުރާމެވެ.

މިހާތަނަށް ޒުވާން ޚަޠީބުންގެ މި ޕްރޮގްރާމުގެ 3 ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، 503 އަށްވުރެ ގިނަ ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ. އެގޮތުން، ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުންނާއި ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އަދި 3 ވަނަ ބުރުގައި 269 ޚަތީބުން ސަނަދު ހާސިލްކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ، މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން