Ads by Stelco

ޚަބަރު

ބަޖެޓު ތަންފީޒުކުރާ ގޮތް މަޖިލީހުން ގާތުން ބަލާނެ: އަޒާން

ބަޖެޓު ތަންފީޒުކުރާ ގޮތް މަޖިލީހުން ގާތުން ބަލާނެ: އަޒާން

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ނޮވެމްބަރު 2025، 01:33

16 ނޮވެމްބަރު 2025، 01:33

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު މިއަދު ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ ޚަރަދުތައް ބަޖެޓާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަރަށް ގާތުން ފާރަވެރިވާނެ ކަމަށެވެ. މެންބަރު އަޒާން މިހެން ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ރަނގަޅު ކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ބުނަމުންދަނިކޮށް، ބަޖެޓުގެ އަމާޒުތައް ހާސިލްކުރުމަށް ސަރުކާރުން ތައްޔާރުވާން ޖެހޭނެކަން ފާހަގަކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގެ ތެރެއިން ސަރުކާރަށް ތަޢީދުކުރާ މެންބަރުން ވަނީ މިއަހަރު ހުށަހަޅާފައިވާ ބަޖެޓަށް ތަޢީދުކޮށް ވާހަކަ ދައްކަވާފައެވެ. ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދައިރާގެ މެންބަރު އަޒާން ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރާއިރު، އޭގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ދުރާލާ ސަރުކާރުން ތައްޔާރުވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަޖެޓުގައި މިއަންނަ އަހަރު ބޮޑު އަދަދެއް ދަރަނި ދެއްކުމަށް ހިމަނާފައިވާއިރު، އެ ދަރަނި ދެއްކޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށް މެންބަރު އަޒާން ވިދާޅުވިއެވެ. މިކަމުގެ އިތުރުން ދައުލަތުގެ ޚަރަދުތައް ބަޖެޓާއި އެއްގޮތަށް ހިނގާތޯ މަޖިލީހުން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި ބަޖެޓުގެ އަމާޒު ހާސިލްކުރެވޭނެ. އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ބަޖެޓުގެ އަމާޒަށް ވާސިލްވުމާއި ބަޖެޓާއި އެއްގޮތަށް ސަރުކާރުން ޚަރަދުކުރާތޯ ބެލުމަކީ މަޖިލީހުގެ މެންބަރުންނާއި ކޮމެޓީތަކުގެ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަޤީންކަން އަރުވަން. އަންނަ އަހަރު ބަޖެޓާއި އެއްގޮތަށް ޚަރަދުކުރާތޯ ފާރަވެރިވާނެކަމަށް.

މެންބަރު އަޒާން

ބަޖެޓު ބަހުސްގައި، ސަރުކާރަށް ތާއީދުކުރާ މެންބަރުން ވިދާޅުވީ ރައީސް ރަށްރަށުގައި ވަޢުދުވެފައިވާ މަސައްކަތްތައް ބަޖެޓުގެ ތެރެއިން ފުރިހަމަވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ބަޖެޓުގެ ތެރެއިން ޚަރަދުކޮށް ނިންމުމަށް އިސްކަންދޭނެކަމަށްވެސް އެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ފަރުދީ ފެންވަރެއްގައި ރައްޔިތުންނަށް ފައިދާވާ ގިނަކަންކަން ބަޖެޓުގައި ހިމެނިފައިވާކަން މެންބަރުން ވަނީ ބަޖެޓު ބަހުސްގައި ފާހަގަކުރައްވާފައެވެ.

މި ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބަޖެޓުގައި ވަކި މަޝްރޫޢުތަކުގެ ތަފްސީލު ނެތުމުން، އެކަމަށް ފާޑުވިދާޅުވެފައެވެ. ވައިކަރަދޫ ދައިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ ބަޖެޓުގައި ތަފްސީލުތަކެއް ނެތް ނަމަވެސް ރަނގަޅު ކަންކަންވެސް ހުރިކަމަށެވެ. މިގޮތުން ތެލެސީމިއާ ބަލި ތަޙައްމަލު ކުރާ ކުދިންނަށް ދޭން ނިންމާފައިވާ އިނާޔަތް ފާހަގަކުރެއްވިއެވެ. މިކަމަށް އިޝާރާތް ކުރައްވާ ވާހަކަ ދެއްކެވި ބައެއް މެންބަރުންވަނީ މީގެ ކުރިން އަދަދުތައް ޖަހައިގެން މަސައްކަތް ކޮށްފައިވީނަމަވެސް އެކަށީގެންވާ ނަތީޖާއެއް އެ މަސައްކަތްތަކުން ނުނެރެވޭކަމަށް ވިދާޅުވެފައެވެ. އަދި މަޝްރޫޢުތަކުގެ އެއްވެސް މަންފާއެއް ނެތި ދަރަނިތައް ބޮޑުވިކަންވެސް އެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓް ވާހަކަ ދެއްކުމަށް ފުރުސަތު ލިބެއެވެ. މިވަގުތު މަޖިލީހުގެ ތަޅުމުގެ ބަޖެޓު ބަހުސް ކުރިއަށްދާއިރު، ކޮމެޓީ މަރުހަލާގައި ބަޖެޓާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށް ދެއެވެ. އަދި ކޮމެޓީ މަސައްކަތް މިމަހުގެ 19 އަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން