ޚަބަރު
ގައިދީން ލުމަށް ހާއްސަކޮށްފައިވާ ހެދުން ނުލާން ބައްސާމް ބޮޑާ ހޭކުމުން ކުލަ ހެދުމުގައި ކޯޓަށް ހާޒިރުކޮށްފި!
ބައްސާމް މީގެކުރިން ކޯޓުގައި ބޭއްވުނު އަޑުއެހުމެއްގައި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، ޖަލުގެ ގައިދީންނަށް ހާއްސަކޮށްފައިވާ ހެދުން ލާން ދެކޮޅު ހެދުމުން، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި ކަމަށް ކޯޓުން ބުނެފިއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ހެކިވެރިއަކު ހާޒިރުނުވުމުގެ ސަބަބުން ވަނީ ކުރިއަށް ނުގެންދެވިފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނި ގޮތުގައި، ބައްސާމްގެ މައްޗަށް އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 8:15 އަށް ތާވަލުކުރެވުނު ނަމަވެސް، އޭނާ ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހެދުމުގެ ސަބަބުން އަޑުއެހުން ވަނީ ދިގުލައިގެން ގޮސްފައެވެ. ބައްސާމް ޖަލުން ނުކުންނަން ދެކޮޅު ހެދީ، ޖަލު ހެދުން ލައްވައި، ބިޑި އަޅުވައިގެން ކޯޓަށް ގެންނަން ކަރެކްޝަނަލް ސާވިސްއިން މަސައްކަތް ކުރުމުންނެވެ. މިއީ ޖަލު ހުކުމް ތަންފީޒުކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގައި އެ އިދާރާއިން އާންމުކޮށް އަމަލުކުރާ ގޮތެވެ.
ނަމަވެސް، ގިނައިރުތަކެއް ވޭތުވެދިޔަ ފަހުން، މިއަދު ހެނދުނު 11:00 އަށް ބައްސާމް ކޯޓަށް ގެނެވުނީ އޭނާ އެދިގެން ކުލަ ހެދުމުގައި ބިޑި އަޅުވައިގެންނެވެ. ކޯޓަށް ހާޒިރުވާން ބައްސާމް ދެކޮޅު ހެދި މައްސަލައިގައި ޝަރީއަތުން އޭނާއަށް ވަކި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މިއަދުގެ އަޑުއެހުން ތާވަލުކުރީ، އެފްއޭއެމްގެ ކުރީގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް، އަގީލް މިއަދު ކޯޓަށް ހާޒިރުވެފައި ނުވާތީ، އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. މިކަމާ ގުޅިގެން ޝަރީއަތުން ވަނީ އަގީލް ހައްޔަރުކޮށްގެން މާދަމާ ކޯޓަށް ހާޒިރުކުރަން އަންގާ އަމުރު ނެރެން ނިންމައިފައެވެ.
މިއަދުގެ އަޑުއެހުމުގައި ބައްސާމް ވަނީ އޭނާއަށް ވަކީލުންނާ ބައްދަލުކުރަން ދަތިވާ ކަމަށް ބުނެފައެވެ. އެހެންވެ ބައްސާމްއަށް ވަކީލުންގެ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ޝަރީއަތުން ވަނީ އަންގާފައެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ކުރާ މި ދައުވާތައް ގުޅެނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެއެވެ. ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ބައްސާމް މިހާރު ވެސް ދަނީ ތަންފީޒު ކުރަމުންނެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ، ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި، ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރިއެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެއެވެ. ނަމަވެސް، ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ. ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓްހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފައެވެ.