Ads by Stelco

ޚަބަރު

ރާއްޖޭގައި ފުރަތަމަފަަހަރަށް ފަތުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި ޓެކްސީ ޑްރައިވަރުންނަށް ފްލެޓް ދިނުމުގެ ޚާއްސަ ކެޓަގަރީއާއެއް!

ރާއްޖޭގައި ފުރަތަމަފަަހަރަށް ފަތުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި ޓެކްސީ ޑްރައިވަރުންނަށް ފްލެޓް ދިނުމުގެ ޚާއްސަ ކެޓަގަރީއާއެއް!

ރާއްޖޭގައި ފުރަތަމަފަަހަރަށް ފަތުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި ޓެކްސީ ޑްރައިވަރުންނަށް ފްލެޓް ދިނުމުގެ ޚާއްސަ ކެޓަގަރީއާއެއް!

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ނޮވެމްބަރު 2025، 01:10

17 ނޮވެމްބަރު 2025، 01:10

މާލޭގައި އާއިލާ ބިނާކޮށް ދިރިއުޅޭ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގެ މުވައްޒަފުންނާއި، ޓެކްސީކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އާއިލާތަކަށް ޚާއްސަކޮށް 350 ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން، ވަކިވަކި ސިނާޢަތްތަކުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށް ފްލެޓް ދޫކުރާ ފުރަތަމަ ފަހަރަށް ވާއިރު، މި ނިންމުމަކީ މި ދާއިރާތަކުގެ މަސައްކަތްތެރިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ހިމެނެއެވެ. މީގެތެރޭގައި ވަކި ބަޔަކު އިސްތިސްނާ ނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މީގެ ކުރީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި، ޚާއްސަކޮށް މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތުތަކުގައި، އެންމެ ބޮޑު ޝަކުވާއެއް އޮތް އެއް ބަޔަކީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނެވެ.

މި ފަރާތްތަކުގެ އާއިލާ މާލޭގައި ދިރިއުޅުނުނަމަވެސް، ވަޒީފާގެ ބޭނުމަށް ރަށުން ބޭރުގައި އުޅޭނަމަ، މާލޭގައި ދާއިމީކޮށް ދިރިއުޅޭކަން ސާބިތުކޮށްދިނުމުގައި އެތައް ހުރަހެއް ކުރިމަތިވެއެވެ. މި ހުރަސްތަކުގެ ސަބަބުން ބޯހިޔާވަހިކަން ފަދަ އަސާސީ މުހިންމު ސްކީމްތަކުން ފުރުޞަތު ހޯދުމަށް ދަތިތަކެއް ހުރެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވައުދަކީ، މާލޭގައި ދިރިއުޅޭ އެހެން އާއިލާތަކޭ އެއްގޮތަށް، މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އާއިލާތަކަށްވެސް އެ ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ނިންމުމުގެ ދަށުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްގައި ފުރަތަމަ ފަހަރަށް ވަކި ސިނާޢަތްތަކަށް ޚާއްސަކޮށް ފްލެޓް ދިނުމަށް ހިމަނާފައިވާއިރު، މި 350 ފްލެޓް ބަހާލެވިފައި ވަނީ ތިރީގައިވާ ގޮތަށެވެ:

  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން: 200 ފްލެޓް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް: 100 ފްލެޓް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 50 ފްލެޓް

މި ދާއިރާތަކާއި ސިނާޢަތްތަކަށް މިފަދަ ފުރުޞަތުތައް ފަހިކުރުމަށް ސަރުކާރުން ވަނީ މުހިންމު ޢުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މި ދަފްތަރުތަކަކީ އާމްދަނީ ހޯދުމަށް ދާއިމީކޮށް މި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަ ދަފްތަރެކެވެ.

ސަރުކާރުން ހާމަކުރައްވާގޮތުގައި ދަފްތަރު އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ފަސޭހަކަމާއެކު މާލީ އެހީތެރިކަން ހޯދުމަށް ހުށައެޅުމަށް ލުއިފަސޭހަކުރުމާއި އެކި ކަންކަމުގައި ލިޔެކިޔުން ހުށައަޅަންޖެހޭ ޙާލަތްތަކުގައި އެ ފަރާތްތަކުން އާމްދަނީ ހޯދުމާ ކުރާ މަސައްކަތާ ގުޅޭ ތަފްސީލްތައް ޙިއްސާކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މި ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ބޯހިޔާވަހިކަމުގެ ޚިދުމަތްތައް ހަމަހަމަ ކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން