ދުނިޔެ
ނެސްލޭއިން އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ކުޑަކުދިންގެ ކާނާގައި ހަކުރު އިތުރުކުރާ ކަމުގެ ތުހުމަތު ތަކެއް!
ނެސްލޭގެ އޮފީހެއް
ހުލާސާ
ސްވިސްގެ ބޮޑު ކާނާ ކުންފުނި ކަމަށްވާ ނެސްލޭއިން، އެފްރިކާ، އޭޝިއާ އަދި ލެޓިން އެމެރިކާގެ ބާޒާރުތަކުގައި ވިއްކާ ކުޑަކުދިންގެ ކާނާގެ ބާވަތްތަކަށް ހަކުރު އިތުރުކުރަމުންދާ ކަމަށް، އެންޖީއޯއެއްގެ ރިޕޯޓެއްގައި ތުހުމަތުކޮށްފިއެވެ.
މިއީ ޔޫރަޕްގެ ބާޒާރުތަކުގައި ވިއްކާ އެފަދަ އުފެއްދުންތަކުން ހަކުރު ކަނޑާލުމަށް ފަހު، މި ސަރަހައްދުތަކުގައި ވިއްކާ އުފެއްދުންތަކަށް ހަކުރު އިތުރުކުރަމުންދާ ކަމަށް ބުނާ ރިޕޯޓެކެވެ.
މިދިޔަ އަންގާރަ ދުވަހު ޝާއިއުކުރި، ސްވިޓްޒަލެންޑްގައި ހުންނަ "ގްލޯބަލް ޖަސްޓިސް އޯގަނައިޒޭޝަން" ކަމަށްވާ “ޕަބްލިކް އައި” އިން ނެރުނު މި ރިޕޯޓަށް ދީފައިވާ ނަމަކީ "ކުޑަ އާމްދަނީ ލިބޭ ޤައުމުތަކުގައި ނެސްލޭއިން ކުޑަކުދިން ހަކުރަށް ދެވިހިފުވައިފި ގޮތް" އެވެ.
މި ރިޕޯޓުގައި ނެސްލޭއަށް ތުހުމަތުކޮށްފައިވަނީ "ނަފާ ހޯދުމަށްޓަކައި ކުޑަކުދިންގެ ސިއްހަތަށް ނުރައްކާކުރުން" އެވެ. ޕަބްލިކް އައި އާއި އިންޓަނޭޝަނަލް ބޭބީ ފުޑް އެކްޝަން ނެޓްވޯކް (އައިބީއެފްއޭއެން) ގުޅިގެން ހެދި މި ތަހުގީގުގެ ނަތީޖާ ދައްކާ ގޮތުން، އެފްރިކާ، އޭޝިއާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގައި ނެސްލޭއިން ވިއްކާ ކުޑަކުދިންގެ ކާނާގެ އުފެއްދުންތަކުގެ ތެރެއިން 93 އިންސައްތަ އުފެއްދުމުގައި ހަކުރު އިތުރުކޮށްފައިވެ އެވެ.
ތަހުޤީޤުން ހާމަވި ގޮތުގައި، އިތުރުކުރާ ހަކުރުގެ މިންވަރު ބާޒާރުތަކަށް ބަދަލުވެ އެވެ. މިސާލަކަށް، ތައިލެންޑްގައި ވިއްކާ ނެސްލޭގެ ސެރެލެކް ބްރޭންޑްގެ ކުޑަކުދިންގެ ސީރިއަލްގެ އެއް ސާވިންގްގައި ހަ ގްރާމްގެ ހަކުރު (ގާތްގަނޑަކަށް 1.5 ހަކުރު ކިއުބް) ހުރެ އެވެ. އެއާ ހިލާފަށް، އިތިއޯޕިއާގައި 5.2 ގްރާމް އިތުރުކޮށްފައިވާއިރު، ޕާކިސްތާނުގައި 2.7 ގްރާމްގެ ހަކުރު އިތުރުކޮށްފައިވެ އެވެ. ނަމަވެސް، ސްވިޓްޒަލެންޑް އަދި ޖަރުމަނު، އިނގިރޭސިވިލާތް ފަދަ މައިގަނޑު ޔޫރަޕްގެ ބާޒާރުތަކުގައި ވިއްކާ ސެރެލެކްގައި އެއްވެސް އިތުރު ހަކުރެއް ނުހުރެ އެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާދެނީ ތިން އަހަރުން ދަށުގެ ކުދިންނަށް ދޭ ކާނާގައި "އިތުރުކުރާ އެއްވެސް ހަކުރެއް ނުވަތަ ފޮނިކުރާ އެއްވެސް މާއްދާއެއް" ނުހުންނަން ޖެހޭނެ ކަމަށެވެ. އެއީ ކުޑައިރުއްސުރެ ހަކުރަށް ހުށަހެޅުމަކީ ފަހުން ހަކުރު ގިނަ އުފެއްދުންތަކަށް ލޯބިޖެހި، ހަށިގަނޑު ފަލަވުން (އޮބީސިޓީ) އަދި އެހެނިހެން ދާއިމީ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން އިންޒާރުދެ އެވެ.
ނެސްލޭއިން ދުނިޔޭގެ ކުޑަކުދިންގެ ކާނާގެ ބާޒާރުގެ 20 އިންސައްތަ ކޮންޓްރޯލް ކުރެ އެވެ. މި ބާޒާރުގެ އަހަރީ ވިޔަފާރި 70 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޕަބްލިކް އައި އިން ބުނާ ގޮތުގައި ނެސްލޭއިން އެފްރިކާ، އޭޝިއާ އަދި ލެޓިން އެމެރިކާގައި އެ ކުންފުނީގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ސިއްހީ ކުރިއެރުމަށް މުހިންމު އެއްޗެއް ކަމަށް ބުނެ "އެގްރެސިވްކޮށް" އިޝްތިހާރު ކުރެ އެވެ. ނަމަވެސް، މި ތަހުގީގުން ދައްކަނީ "އެހެން ވާހަކައެއް" ކަމަށް ޕަބްލިކް އައި އިން ބުނެ އެވެ.
ޕަބްލިކް އައި އާއި އައިބީއެފްއޭއެން އިން ނެސްލޭއަށް ގޮވާލާފައިވަނީ "ހަކުރު ގިނަ އުފެއްދުންތަކަށް ކުދިން ލޯބިޖެހުމަށް މަގުފަހިކޮށް، އޮބީސިޓީ އިތުރުވުމަށް އެހީތެރިވާ މި ދެކޮޅު ނުޖެހޭ އަދި ގެއްލުންދެނިވި ޑަބަލް ސްޓޭންޑަރޑް ނިމުމަކަށް ގެނައުމަށެވެ.
ނަމަވެސް، ނެސްލޭގެ ތަރުޖަމާނަކު ވަނީ މި ތުހުމަތުތައް "އޮޅުވާލުމެއް" ކަމަށް ސިފަކޮށްފަ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވިއްކާ ކުޑަކުދިންގެ ކާނާގެ ނިއުޓްރިޝަންގެ މިންގަނޑުތަކާ ގުޅޭގޮތުން ކުރިން ވެސް އުފުލާފައިވާ "ޑަބަލް ސްޓޭންޑަރޑް" ގެ ތުހުމަތުތައް ނެސްލޭއިން ވަނީ ދޮގުކޮށްފަ އެވެ. ތަރުޖަމާނު އިތުރަށް ވިދާޅުވީ، ކުޑަކުދިންނަށް ކާން ރަނގަޅު ފޮނި މިންވަރަކަށް ސީރިއަލްތައް ހުރުމަކީ ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކާ ހަނގުރާމަކުރުމުގައި މުހިންމު ކަމެއް ކަމަށާއި، ނެސްލޭގެ ރެސިޕީތައް ހުންނަނީ އެ ޤައުމުތަކުގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ކަމަށެވެ.