ކޮލަމް / ސައިންސް
މަސާނާގެ ކެންސަރަށް އައު އުންމީދެއް، އޮޕަރޭޝަންކުރުމަކާ ނުލައި ދެވޭ ފަރުވާގެ ކާމިޔާބީ!
މަސާނާ ( ބްލެޑަރ)
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، މަސާނާ ( ބްލެޑަރ) ކެންސަރުގެ ވަކި ބާވަތަކަށް އޮޕަރޭޝަންކުރުމަކާ ނުލައި ދެވޭ ތަޖުރިބާގެ އައު ފަރުވާއަކުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ފެނިފައެވެ.
މި ކެންސަރަކީ ފަރުވާދިނުމަށް އަބަދުވެސް ދަތިކަމެއް ދިމާވާ ކެންސަރެކެވެ. ކުރިން، ގިނަ ފަހަރު ޑޮކްޓަރުން ބަރޯސާވެފައި އޮންނަނީ މަސާނާ މުޅިން ނެގުމަށެވެ. ނަމަވެސް، "އެންލެކްސޯ" ނަމަކަށް ކިޔާ އައު ފަރުވާއެއްގެ ސަބަބުން އޮޕަރޭޝަން ކުރުމަށްވުރެ ރައްކާތެރި އަދި މާ ނަތީޖާ ރަނގަޅު ބަދަލެއް ލިބިދާނެކަމުގެ އުންމީދު މިވަނީ އުފެދިފައެވެ.
މިހާތަނަށް ކްލިނިކަލް ތަޖުރިބާތަކުން ފެނިފައިވާ ގޮތުގައި، މި ފަރުވާއިން %82 ބަލިމީހުންގެ ހަށިގަނޑުން ކެންސަރުގެ ސެލް ނައްތާލެވިފައިވެއެވެ. މިއީ މި ދާއިރާއިން ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި ދިރާސާގެ ލީޑް ރިސާޗަރ ސިއާ ޑެނިޝްމަންޑް ވިދާޅުވީ، ކުރިން މި ބަލިޖެހޭ މީހުންނަށް ފަރުވާގެ ގޮތުގައި އިޚްތިޔާރުކުރެވޭނެ ކަންކަން ވަރަށް މަދު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި އައު ފަރުވާއަކީ މަސާނާގެ ކެންސަރުގެ އެންމެ އާންމު ބާވަތަށް ތަޖުރިބާކުރެވިފައިވާ ފަރުވާތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަރުވާ ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ފަރުވާގެ ފަހަތުގައިވާ ޚިޔާލަކީ ވަރަށް ސާދާ ޚިޔާލެކެވެ. އެއީ، ބޭސް މަސާނާގެ ތެރޭގައި ގިނައިރު ހުންނަވަރަކަށް، މަސާނާގެ ސެލްތަކަށް ބޭހުގެ އަސަރު މާ ރަނގަޅަށް ފޯރާ، ކެންސަރު ނައްތާލެވުން މާ އަވަސްވާނެއެވެ.