ކުޅިވަރު / ދުނިޔެ
ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ރޮނާލްޑޯ ވައިޓް ހައުސްއަށް ޒިޔާރަތްކޮށްފި
ޓްރަމްޕް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ރޮނާލްޑޯ ބައިވެރިވަނީ، ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް، ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވައިޓް ހައުސްއަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގައި ރޮނާލްޑޯ ވަނީ ޓަރަމްޕްއާ ބައްދަލުކުރެއްވުމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން އެމެރިކާއަށް ވަޑައިގެންނެވުމާ ގުޅިގެން ޓްރަމްޕް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ބައިވެރިވެފައެވެ. ނަމަވެސް ރޮނާލްޑޯގެ ޒިޔާރަތަކީ ވަލީއަހުދުގެ ވަފުދުގައި ހިމެނިގެން އޭނާކުރި ޒިޔާރަތެއް ކަމެއް ޔަޤީން ވެފައެއް ނުވެއެވެ.
ޓްރަމްޕް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ރޮނާލްޑޯގެ އިތުރުން އެޕަލްގެ ސީއީއޯ ޓިމް ކުކް އާއި ޓެސްލާގެ ފައުންޑާރ، އެލަން މަސްކް ވެސް ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ރޮނާލްޑޯ ޒިޔާރަތް ކުރީތީ އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ޓްރަމްޕްގެ 19 އަހަރުގެ ފިރިހެން ދަރިފުޅަކީ ރޮނާލްޑޯގެ ސަޕޯޓަރެއްކަމަށް ވެސް ހާމަކުރެއްވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ރޮނާލްޑޯގެ އެމެރިކާގެ މި ދަތުރަކީ، 2016ވަނަ އަހަރަށް ފަހު އޭނާ އެ ޤައުމަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ ކަމުގެ ސަބަބެއް ކަމުގައި ބެލެވެނީ، އޭނާގެ މައްޗަށް ކުރެވުނު ރޭޕްގެ ތުހުމަތެވެ. އެއީ 2009ގައި ލަސް ވޭގަސްގެ ހޮޓަލެއްގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ.
މި މައްސަލައިގައި 2018ގައި ރޮނާލްޑޯ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައި ވަނީ އެއީ އޭނާ ކުރިކަމެއް ނޫންކަމަށާއި، އަދި ރޭޕް ކުރުމަކީ އޭނާގެ ޤަބޫލުކުރުންތަކާ މުޅިން ޚިލާފުކަމެއް ކަމުގައެވެ. އޭގެ ފަހުން 2019ގައި އެމެރިކާގެ ކޯޓަކުން ވަނީ މި މައްސަލައިގައި ރޮނާލްޑޯގެ ކުށެއް އޮތްކަމަށް ޔަޤީންކޮށްދެވޭ މިންވަރަށް ހެކި ނެތްކަން ފާހަގަކޮށް، މައްސަލަ ފައިލްކޮށްފައެވެ.
2023ވަނަ އަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ބަދަލުވިފަހުން ރޮނާލްޑޯއަކީ ސައުދީ ޕްރޮފެޝަނަލް ލީގުގެ މޫނުމަތި ކަމުގައި ވަނީ ވެފައެވެ. އޭނާ ސައުދީގައި ކުޅެމުން އަންނަ އަލް-ނަސްރުއަކީ ސައުދީ ޕްރިންސް ޗެއާރކުރާ ސޮވެރިން ވެލްތު ފަންޑު (ޕީއައިއެފް)ގެ މިލްކުވެރިކަމުގެ ދަށުގައިވާ ފުޓުބޯޅަ ކްލަބެކެވެ.
ފުރަތަމަ އެއްބަސްވުމާއެކު އަލް-ނަސްރުން އައީ ރޮނާލްޑޯއަށް އަހަރަކު 200 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެއް ދެމުންނެވެ. އެއީ ދުވާލަކަށް ބައިމިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރެވެ.
އަދި މި އަހަރުގެ ޖޫންގައި އޭނާގެ އެއްބަސްވުމުގެ މުއްދަތު އެ ކްލަބުން އިތުރުކުރީ ،ރިޕޯޓުތައް ބުނާގޮތުން، 400 މިލިއަން ޑޮލަރަށެވެ. މިއާއެކު އޭނާއަކީ ބިލިއަނަރަކަށްވި ފުރަތަމަ ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ބްލޫމްބާރގްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އޭނާގެ މިލްކިއްޔާތުގައި މިހާރު 1.4 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ވެއެވެ.