ވިޔަފާރި / ޚަބަރު

ހއ. ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި!

ހއ. ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި!

ހއ .ބާރަށް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ނޮވެމްބަރު 2025، 02:29

19 ނޮވެމްބަރު 2025، 02:29

ހއ. ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އަނެއްކާވެސް އިޢުލާންކޮށްފިއެވެ.

މިރަށުގައި ހޮޓަލެއް ތަރައްޤީ ކުރުމަށް ބަޔަކު ހޯދުމަށް ފުރަތަމަ އިޢުލާންކުރީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް، ކުރިން ހުޅުވާލި ފުރުސަތަށް އެދެވޭ މިންވަރަށް ހުށަހެޅުންތައް ލިބިފައިނުވާތީ، ވުޒާރާއިން ވަނީ މި ފުރުސަތު އަލުން ހުޅުވާލުމަށް ނިންމާފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ، ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަ މީޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލައިފައިވާ ކަމަށެވެ.

މި ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލް އެޑްރެސްއަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު އީމެއިލް ކުރެއްވުން އެދޭ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00 އެވެ. ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން، ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. ބީލަން ފޮތް ލިބޭނީ 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު އެ ވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރީޢާއިންނެވެ.

މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރު ހއ. ބާރަށަށް ވަޑައިގެން އިޢުލާންކުރެއްވި ތިމާވެއްޓާ ރަށްޓެހި ނުވަތަ އީކޯ ޓޫއަރިޒަމްގެ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި މަޝްރޫޢު ބައިނަލްއަޤްވާމީ ބިޑިންއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭނީ އަމިއްލަ ފަރާތްތަކަށް ފުރުޞަތު އިތުރުކުރުމަށް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ އިތުރުވެ، ރަށުގެ އާއްމު ހާލަތުވެސް ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން