ވިޔަފާރި / ޚަބަރު

ގްރީން ޓެކުހުގެ އާމްދަނީ ދެގުނަ އިތުރުވެ 1.8 ބިލިޔަން ރުފިޔާއަށް އަރައިފި

ގްރީން ޓެކުހުގެ އާމްދަނީ ދެގުނަ އިތުރުވެ 1.8 ބިލިޔަން ރުފިޔާއަށް އަރައިފި

ރާއްޖޭގެ ރިސޯޓެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ނޮވެމްބަރު 2025، 10:48

20 ނޮވެމްބަރު 2025، 10:48

މިއަހަރުގެ މިހާތަނަށް ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދު މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 22 ހަފްތާގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ 1.8 ބިލިޔަން ރުފިޔާއަކީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 978 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 88.3 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމުގެ މަގްސަދުގައި ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. ގްރީން ޓެކުހަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް ކޮންމެ މަހަކުވެސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެއެވެ. ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28ވަނަ ދުވަހެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ދުވާލަކަށް 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ. ވުމާއެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދާއި ގްރީން ޓެކުހާއި ސީދާގޮތުން ގުޅިފައިވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1,943,305 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1,768,714 ފަތުރުވެރިންނާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން