ޚަބަރު
ވޭޕް މަނާކުރިތާ އަހަރެއްގެ ތެރޭގައި 53،000 އަށް ވުރެ ގިނަ ވޭޕް ވަނީ ހިފަހައްޓާފައި : ކަސްޓަމްސް
ވޭޕް ގެ ބާވަތެއް ފޮޓޯ: އިންޓަނެޓް
ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތި ގެންގުޅުން މަނާކުރިތާ އަހަރެއްގެ ތެރޭގައި، ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފައިވާ ކަމަށާއި، މި ފިޔަވަޅުގެ ކާމިޔާބީގެ ހެކިތައް ފެންނަމުންދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ. ކަސްޓަމްސްއިން ބުނީ މި މުއްދަތުގެ ތެރޭގައި ރާއްޖެ އެތެރެކުރަން އުޅުނު 53،000އަށް ވުރެ ގިނަ ވޭޕްގެ ބާވަތްތައް ހިފަހައްޓާފައިވާ ކަމަށެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި، ރާއްޖޭގައި ގެންގުޅުން މަނާކޮށް ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި ނިންމުމަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކަސްޓަމްސްއިން ދޫކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭޕް އެތެރެކުރަން އުޅުމުގެ 176 މައްސަލަ ވަނީ ހޯދާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 53،300 އަށް ވުރެ ގިނަ ވޭޕްގެ ބާވަތްތައް ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އީ-ސިނގިރޭޓު އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ، އެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން، ނިމިދިޔަ އޮކްޓޫބަރު މަހުގައި 35 މީހަކު ޖޫރިމަނާކޮށް، ޖުމްލަ 226،000 ރުފިޔާ ވަނީ ދައުލަތަށް ޖަމާކޮށްފައެވެ.
މި ފިޔަވަޅުގެ ހެޔޮ އަސަރު ތަޢުލީމީ ދާއިރާއިން ވެސް ފާހަގަކުރެވެއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަރަށް ފަހުން ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގެ ސުކޫލުތަކުން މީގެކުރިން ދުވާލަކަށް 50 އާއި 60 އެއްހައި ވޭޕް ސްޓިކް ފެނުނު ނަމަވެސް، މިހާރު ނުފެނެއޭ ބުނާ ވަރަށް ސުކޫލުތަކުން ވޭޕް ފެނުން މަދުވެއްޖެއެވެ.
ވޭޕް ކުރުން މަނާކުރުމުގެ އިތުރުން، ދުންފަތާ ދެކޮޅަށް ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތައް ވެސް އަޅާފައެވެ. މިގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް މި މަހުން ފެށިގެން ސިނގިރޭޓު މަނާކޮށްފައިވެއެވެ. މީގެކުރިން ދުންފަތުން ނަގާ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ.
ދުންފަތުގެ ބާވަތްތައް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ވަނީ ތައުރީފުކޮށްފައެވެ. މި މަސައްކަތްތައް ފާހަގަކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކުރާ 'ގްލޯބަލް ސެންޓާ ފޯ ގުޑް ގަވަނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)ގެ އިންޓެގްރިޓީ އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ. މީގެ އިތުރުން، ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް މިދިޔަ މެއި މަހު އެމަނިކުފާނަށް ވަނީ އަރުވައިފައެވެ. ޑަބްލިއުއެޗްއޯއިން މި ފިޔަވަޅުތަކަށް މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ.
މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.