ވިޔަފާރި / ޚަބަރު
ހުޅުމާލޭ ފެރީ ޓާމިނަލްގައި ކިއޮސްކު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި
ހުޅުމާލޭ ފްރީ ޓާމިނަލް ފޮޓޯ: ވިކިމޭޕިއާ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.) އިން ހުޅުމާލޭ ފެރީ ޓާމިނަލްގައި ކޮމާޝަލް ކިއޮސްކެއް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ފަސޭހަތައް އިތުރުކުރުމުގެ މަޤްސަދުގައެވެ.
ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ މި ކިއޮސްކަކީ، 'އެފް.ޓީ.ކޭ.01–ޖީ–01' ގެ ގޮތުގައި ފާހަގަކޮށްފައިވާ، ޖުމްލަ 258.33 އަކަފޫޓުގެ ސަރަޙައްދެކެވެ. އެޗް.ޑީ.ސީ. އިން މިހާރު ވަނީ މި ކިއޮސްކް ކޮމާޝަލް ބޭނުމަށް ކުއްޔަށް ހިފައިގެން ހިންގުމަށް ޝަރުތު ހަމަވާ ފަރާތްތަކެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނެ ތާވަލެއް އެޗް.ޑީ.ސީ. އިން ވަނީ އިއުލާންކޮށްފައެވެ. މިގޮތުން، ޕްރީ-ޕްރޮޕޯސަލް ބައްދަލުވުމެއް 2025 ނޮވެމްބަރު 24 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބާއްވާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2025 ނޮވެމްބަރު 25 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. ލިބޭ ހުރިހާ ސުވާލުތަކަށް ދެވޭ ޖަވާބުތައް 2025 ނޮވެމްބަރު 27 ވާ ބުރާސްފަތި ދުވަހު އެޗް.ޑީ.ސީ. ރަސްމީ ވެބްސައިޓްގައި ޝާއިޢުކުރެވޭނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2025 ޑިސެމްބަރު 04 ވާ ބުރާސްފަތި ދުވަހު 13:00 އާއި 14:00 އާ ދެމެދު ހުޅުމާލޭ އެޗް.ޑީ.ސީ. އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ. ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ އެދުވަހު 14:00 ގައި ހަމަ އެތަނުގައެވެ.
މިކަމާ ގުޅޭ ފުރިހަމަ ރިކުއެސްޓް ފޯ ޕްރޮޕޯސަލް ޑޮކިއުމެންޓްސް hdc.mv އަދި properties.hdc.mv އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، ބަދަލުތަކާއި އިތުރު މައުލޫމާތުތަކަށް މި ވެބްސައިޓްތައް ގަވައިދުން ބެލުން މުހިންމުކަމަށް އެޗް.ޑީ.ސީ. އިން ވަނީ ބުނެފައެވެ. ހުށަހަޅާ ޕްރޮޕޯސަލްތަކާއެކު އާރް.އެފް.ޕީ. ޑޮކިއުމެންޓްގައިވާ ގޮތަށް ބިޑް ސެކިއުރިޓީ ހިމަނަން ޖެހޭނެއެވެ.
އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން ހުޅުމާލޭ އެޗް.ޑީ.ސީ. އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހުންނަ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް ޑިޕާޓްމަންޓާ ގުޅުމަށް ވަނީ އެދިފައެވެ. ސުވާލުތަކުގެ ޖަވާބު ހޯދުމަށް [email protected] އަށް އީމެއިލް ކުރުމުން ނުވަތަ 3353535 އަށް ގުޅައިގެން ވެސް ހޯދިދާނެއެވެ.