ދުނިޔެ

ހަތިޔާރާއި 376 ކިލޯގެ މަސްތުވާތަކެތި ބަރުކޮށްފައިވާ ބޯޓެއް، ލަންކާ ކަނޑުން އަތުލައިގެންފި

ހަތިޔާރާއި 376 ކިލޯގެ މަސްތުވާތަކެތި ބަރުކޮށްފައިވާ ބޯޓެއް، ލަންކާ ކަނޑުން އަތުލައިގެންފި

ހަތިޔާރާއި 376 ކިލޯގެ މަސްތުވާތަކެތި ބަރުކޮށްފައިވާ ބޯޓެއް، ލަންކާ ކަނޑުން އަތުލައިގަތުން. / ފޮޓޯ: ސްރީލަންކާ ނޭވީ

farudhun logo

ފަރުދުން

22 ނޮވެމްބަރު 2025، 03:15

22 ނޮވެމްބަރު 2025، 03:15

އަވައްޓެރި ސްރީލަންކާގެ ދެކުނު ސަރަޙައްދުގެ ކަނޑުން، ހަތިޔާރާއި 376 ކިލޯގެ މަސްތުވާތަކެތި ބަރުކޮށްފައިވާ ބޯޓެއް އަތުލައިގަނެ، އޭގައި ތިބި 6 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޤައުމުގެ ކަނޑުގެ ސިފައިން ހާމަކޮށްފިއެވެ.

ލަންކާގެ ނޭވީން ބުނީ، ދިގު ރާސްތާތަކަށް ދަތުރުކުރުމުގެ ޤާބިލިއްޔަތު ހުރި މި މަސްބޯޓު މަސްތުވާތަކެއްޗާ އެކު އަތުލައިގެންފައިވަނީ، ނޭވީން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ޖުމްލަ 376 ކިލޯގެ ބަރުދަން ހުރި މަސްތުވާތަކެތީގެ ބަސްތާތަކާ އެކު ބޯޓުގައި ތިބި 6 މީހުންނާއި އަދި އެ ބޯޓު، މި މަހުގެ 20ވަނަ ދުވަހު ވަނީ ސްރީލަންކާގެ ތަންގައްލޭ މަސްބަނދަރަށް ވައްދާފައި ކަމަށް އެ ޤައުމުގެ ނޭވީން މަޢުލޫމާތު ދެއެވެ.

ތަންގައްލޭ މަސް ބަނދަރުގައި ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީ.އެން.ބީ.)އިން ހިންގި ތަޙުޤީޤުތަކުން ހާމަވި ގޮތުގައި، ނޭވީން ހިފެހެއްޓި މަސްތުވާތަކެއްޗަކީ 376 ކިލޯ ހިމެނޭ، 261 ކިލޯއަށް ވުރެ ގިނަ މެތެމްފެޓަމިން (އައިސް) އާއި 115 ކިލޯއަށް ވުރެ ގިނަ ހެރޮއިން 18 ބަސްތާއެވެ. މަސްތުވާތަކެތީގެ އިތުރުން އެއް ރިވޯލްވަރާއި، އެއް ފިސްތޯލާއި، ދެ މެގަޒިން އާއި، ސެޓެލައިޓް ފޯނެއް ވެސް މި ބޯޓުން ފެނިފައިވާ ކަމަށް ނޭވީން ބުނެއެވެ.

ލަންކާގެ ދިފާޢީ ވަޒީރުގެ ނާއިބު، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަރުނާ ޖަޔަސޭކަރަ އާއި ނޭވީގެ ކޮމާންޑަރ، ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޯދަ ވަނީ ހިފެހެއްޓި މަސްތުވާތަކެއްޗާއި އެހެނިހެން ތަކެތި ބައްލަވާލައްވާފައެވެ.

އެ ތަކެތި ބެއްލެވުމަށް ފަހު ދިފާޢީ ވަޒީރުގެ ނާއިބު އަރުނާ ޖަޔަސޭކަރަ ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ހިންގާ ޙަރަކާތްތައް މުޅި ޤައުމަށް ފުޅާކޮށް، ވަރުގަދަކުރުމަށް މަސައްކަތްކުރާ ކަމަށެވެ.

ލަންކާއިން ކަނޑައަޅާފައިވާ "މަސްތުވާތަކެތިން މިނިވަން ޤައުމެއް: ޞިއްޙަތު ރަނގަޅު ރައްޔިތެއް" އަމާޒަށް އަލިއަޅުވާލައްވަމުން ޑެޕިއުޓީ މިނިސްޓަރ ވަނީ، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މިފަދަ ޖަރީމާތައް ހިންގާނެ ފުރުޞަތެއް ނުދެއްވާނެ ކަމަށް ވިދާޅުވެ، މުޖުތަމަޢަށް ނުރައްކާތެރި މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުގެ އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭ ކަމަށް ޖަޔަސޭކަރަ ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތުގެ ދަށުން، މަސްތުވާތަކެތީގެ ނުރައްކާ އެކަށް ނެތިކޮށްލުމުގެ އަމާޒުގައި، ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓައި، ޤައުމީ މިޝަން ކާމިޔާބީއާ އެކު ކުރިއަށްދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތައް މިނިވަންކަމާ އެކު ޙަރަކާތްތެރިވެ، މުހިންމު ކާމިޔާބީތަކެއް ހޯދަމުންދާ ކަމަށް ވެސް ޖަޔަސޭކަރަ ވިދާޅުވިއެވެ.

ދިފާޢީ ވަޒީރުގެ ނާއިބު އަރުނާ ޖަޔަސޭކަރަ އިތުރަށް ވިދާޅުވީ، ލަންކާގެ ރައީސްގެ އިރުޝާދުގެ ދަށުން، ދިފާޢީ ވުޒާރާގެ ބެލުމުގެ ދަށުގައި މަސްތުވާތަކެއްޗާއި ކުށްވެރި ޖަމާޢަތްތައް ނައްތާލުމަށް ސްޓްރެޓީޖިކް ރޭވުމެއް ހިންގަމުންދާ ކަމަށެވެ. މި ރޭވުމުގެ ދަށުން، ހުރިހައި އިންޓެލިޖެންސް ޚިދުމަތްތަކާއި، ޢަސްކަރީ ބާރުތަކާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތައް އެއްބައިވެ މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ހަރުދަނާ ގުޅުމެއް، ޚާއްޞަކޮށް ނޭވީ އާއި ކޯސްޓްގާޑާއި ފުލުހުންގެ މެދުގައި އުފެދިފައިވާތީ، ފާއިތުވި މަސްތަކުގައި ކަނޑުމަތީގެ ޖަރީމާތަކާ ދެކޮޅަށް ގިނަ ކާމިޔާބު އޮޕަރޭޝަންތަކަކާއި ހައްޔަރުކުރުންތަކެއް ހިންގިފައިވާ ކަން ވެސް ޖަޔަސޭކަރައިގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަންގައި ހިފެހެއްޓުނު ތުހުމަތުކުރެވޭ މީހުންނާއި މަސްތުވާތަކެއްޗާއި ހަތިޔާރާއި ބޯޓު މިހާރު ވަނީ އިތުރު ތަޙުލީލުތައް ހެދުމަށް ޕީ.އެން.ބީ.އާ ޙަވާލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން