ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުން ސިނގިރޭޓު ގެއްލުނު މައްސަލަ: ރައްޔިތުންގެ އިތުބާރު ގެއްލުވާލުމުގެ ފުރުޞަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފި
ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ:ސަން އޮންލައިން
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ އެ މުޢައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށެވެ. މިހެން ފުލުހުން ވިދާޅުވީ ވިލިމާލެ ޕޮލިސް ސްޓޭޝަނުން 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ފުލުހުންގެ ބަޔާނުގައި ބުރާސްފަތި ދުވަހު ފާހަގަކުރައްވާފައިވަނީ އެ މުޢައްސަސާގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޚިދުމަތުގެ އަޚުލާޤީ މިންގަނޑުތަކާއި، އަސާސީ އުސޫލުތަކާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ އެކަމަށް ބޮޑު އިސްކަމެއް ދީގެން ފުލުހުން ތަހުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޚުލާޤާއި، ހަރުދަނާ މަސައްކަތުގެ ރޫޙާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމުގައިވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމުގައި ބައިވެރިވި ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދިފައެވެ. ފުލުހުން ވިދާޅުވީ، އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިޚުލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، އެ މުޢައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަމުން ގެންދާ މައިގަނޑު އަމާޒު ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
މިމައްސަލައިގެ ތަފްސީލު ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، ޤާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓު ގެންގޮސްފައިވާ ކަމަށެވެ. މިތަކެއްޗަކީ، ބިދޭސީއެއްގެ އަތުން މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ނެގި ތަކެތި ކަމަށާއި، މިތަކެތި ބަހައްޓާފައި ހުރީ ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި 32 ކާޓަންގެ ތެރެއިން 6 ކާޓަން މަދުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
މިމައްސަލަ ތަހުޤީޤު ކުރަމުން ދަނިކޮށް މީގެ ކުރިންވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ފާހަގަވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ދެ މައްސަލައާ ގުޅިގެން ޖިނާޢީ ތަހުޤީޤެއް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.