ކޮލަމް / ދުނިޔެ

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ޤަވާޢިދުތަކާއި އެއްބަސްވުމާ ޚިލާފުވާއިރު ދުނިޔެ ހަނު؟

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ޤަވާޢިދުތަކާއި އެއްބަސްވުމާ ޚިލާފުވާއިރު ދުނިޔެ ހަނު؟

ޢައްޒާއަށް ހަމަލާދިނުން އަދިވެސް ދަނީ ކުރިއަށް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ނޮވެމްބަރު 2025، 06:24

22 ނޮވެމްބަރު 2025، 06:24

ޣައްޒާގައި މިހާރު ޢަމަލުކުރަމުން މިދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބސްވުމަކީ ކޮންކަހަލަ އެއްބަސްވުމެއްތޯ ސުވާލު އުފެދެއެވެ. އިސްރާއީލުން ޣައްޒާއަށް ހަމަލާ ނުދޭ އެންމެދުވަހެއް ނުދެއެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ގެރެންޓީ ދިން ފަރާތްތަކުން މިކަމާއި ބެހޭގޮތުން މިކުރަނީ ކޮންކަމެއްތޯ ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް 20 ނުކުތާގެ ރޭވުންގަނޑެއް ހުށަހަޅާފައެވެ. މި ރޭވުންގަނޑަށް އެތައް ޤައުމެއްގެ ތާއީދު ލިބިފައިވެއެވެ. އޭގެ ތެރޭގައި އެތައް ޢަރަބި ޤައުމެއްވެސް ހިމެނެއެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި ސޮއިކުރެވިފައިވަނީ މިޞްރުގެ ޝަރްމް އައްޝައިޚްގައި ބޭއްވުނު ސަމިޓެއްގައެވެ. މި ސަމިޓްގައި ދުނިޔޭގެ އެހެން ލީޑަރުންނާއެކު އެމެރިކާގެ ރައީސް ޓްރަމްޕްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުމުގައި އޮކްޓޯބަރު 13  ވަނަ ދުވަހު ސޮއިކުރެއްވީ ޓްރަމްޕް، މިޞްރުގެ ރައީސް ސީސީ، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އަދި ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދޮޣާންއެވެ. ރައީސް ޓްރަމްޕް ވަރަށް އުފާވެފައި ވިދާޅުވީ، ކޮންމެ މީހަކުވެސް ނުކުރެވޭނެ ކަމެއް ކަމަށް ބުނެފައި އޮތް ކަމެއް މިހާރު ހާސިލުކުރެވިފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލުން ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމިއެވެ. ފުރަތަމަ މަރުޙަލާގައި، އިސްރާއީލުގެ ރަހީނުންގެ ތެރެއިން، މަރުވެފައިވާ މީހުންގެ ހަށިގަނޑު އަދި ދިރިތިބި ހުރިހާ އެންމެން ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. ޙަމާސްއިން މިކަމަށް އެއްބަސްވެ، ދިރިތިބި ހުރިހާ ރަހީނުން ދޫކޮށްލިއެވެ. އަދި އިމާރާތްތަކުގެ ދަށުން ނަގާ އިސްރާއީލުގެ ރައްޔިތުންގެ ހަށިގަނޑު ހަވާލުކުރިއެވެ.

މި މުއްދަތުގެ ތެރޭގައި އިސްރާއީލުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ތަންތަނުން ފަހަތަށް ޖެހި، އެއްވެސް ބާވަތެއްގެ ހަމަލާއެއް ދިނުން ހުއްޓާލަން އެއްބަސްވިއެވެ. ނަމަވެސް އެއްބަސްވުމަށް ކުޑަ ދުވަސްކޮޅެއް ނުވަނީސް، ޔަހޫދީ ދައުލަތުން ވަނީ ވައިގެ ހަމަލާތައް ފަށާ،  ފަލަސްޠީނުގެ ރައްޔިތުން މަރާލާފައެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުން ޢަމަލުކުރަން ފެށި އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް އިސްރާއީލުން ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި 393 ފަހަރު ޚިލާފުވެފައެވެ. އެކި ހަމަލާތައް ދީ، ސަތޭކަޔަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. މީގެ އިތުރުން އިސްރާއީލުން ދަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ވެއްދުމަށް ހުރަސް އަޅަމުންނެވެ، ބޭނުންޖެހިފައިވާ ކާބޯތަކެއްޗާއި ބޭސްގުޅަ ނުދީ ބަނޑުހައިހޫނުކަމާއި ބަލިތަކަށް މީހުން ހުށަހަޅަމުންނެވެ.

މިހެން މިކަން އޮތްއިރު، ލުބުނާނުގައިވެސް އިސްރާއީލުން ދަނީ ހަނގުރާމަ ހުއްޓާލާފައިވީ ނަމަވެސް ވައިގެ ހަމަލާތައް ދެމުންނެވެ. ލުބުނާނުގެ ދެކުނުގައިވާ ފަލަސްޠީނުގެ ރެފިއުޖީ ކޭމްޕަކަށް ދިން އެންމެ ފަހުގެ ހަމަލާގައި 13 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ޢާންމު ސިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. މުޙައްލިލުން ބުނާ ގޮތުގައި، ލުބުނާނު ސަރުކާރުން ޙިޒްބުﷲގެ ހަތިޔާރު ނަގާފައިވީ ނަމަވެސް، އިސްރާއީލުން ދަނީ ކޮންމެ ދުވަހެއްހެން ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވަމުންނެވެ. އެހެންކަމުން، ދުނިޔެއިން މިފަދަ ޚިލާފުވުންތަކަށް ލޯމަރާލައިގެން ތިބެގެންނުވާނެއެވެ. މިކަމުން ސާފުކޮށް ދައްކުވައިދެނީ، އިސްރާއީލުން ލުބުނާނާއި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކަށް އިހުތިރާމް ކުރުމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމެވެ. މި އެއްބަސްވުންތަކާއި ޚިލާފުވުމުގެ ސަބަބުން، މެދުއިރުމަތީގައި ދާއިމީ ސުލްޙަ ގާއިމުކުރުމަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރުމުގައި މަސައްކަތްކުރި ފަރާތްތަކަށް އިސްރާއީލުން އެއްވެސް ބެލުމެއްނެތެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން