ކުޅިވަރު

ސިޓީގެ އުއްމީދުތަކަށް ނިއުކާސްލްގެ ބާރންސް ހުރަސްއަޅައިފި

ސިޓީގެ އުއްމީދުތަކަށް ނިއުކާސްލްގެ ބާރންސް ހުރަސްއަޅައިފި

ނިއުކާސްލް ޔުނައިޓެޑުގެ ހާވީ ބާރންސް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ނޮވެމްބަރު 2025، 08:25

23 ނޮވެމްބަރު 2025، 08:25

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ނިއުކާސްލް ޔުނައިޓެޑުގެ ހާރވީ ބަރންސް މެންޗެސްޓަރ ސިޓީ ކޮޅަށް ކާމިޔާބުކުރި ދެ ގޯލާއެކު، ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ފަރަގު ކުޑަކުރުމަށް ސިޓީއިން ކުރި އުއްމީދަށް ހުރަސް އެޅިއްޖެއެވެ. 

ނިއުކާސްލްގެ ސެއިންޓް ޖޭމްސް ޕާރކްގައި ކުޅުނު މި މެޗަށް ސިޓީއިން ނިކުތީ، ތިން ޕޮއިންޓު ހޯދައި، މިރޭ ޓޮޓެންހަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅޭ އާސެނަލްއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރުމަށެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ. ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. 

މެޗުގައި ނިއުކާސްލްއިން ލީޑު ނެގީ ގަޑިއިރެއް ކުޅެވުނު ފަހުން، 63ވަނަ މިނެޓުގައެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ބާރންސް ފޮނުވާލި ހަމަލާ އަމާޒުވީ ވާތްފަރާތުން ތިރީ ކަނަށެވެ. 

އޭގެ މިނެޓެއް ފަހުން ސިޓީގެ ރޫބެން ދިއާޒް މެޗުގެ ނަތީޖާ ހަމަހަމަ ކުރިނަމަވެސް، އިތުރު ދެ މިނެޓު ފަހުން، ހުސްކޮށް ހުރި ބާރންސްއަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ނިއުކާސްލްއަށް އެ ޓީމުގެ ލީޑު އަނބުރާ ހޯދައިދީފައެވެ. 

މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކުރުމަށް ސިޓީގެ ސެވީނިއޯއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާގެ ހަމަލާ ދިޔައީ ގޯލުގެ މަތިންނެވެ. 

މި މެޗުގައި ވެސް ނިއުކާސްލްއިން އަގުބޮޑުކޮށް ސްޓުޑްގާޓުން ގެނައި ވޯލްޓްމޭޑް ވަނީ ރަގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ސިޓީގެ ގޯލު ބަލަހައްޓަމުންދިޔަ ޖިއާންލޫޖީ ޑޮނަރުއްމާ ވަނީ އޭނާގެ ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. 

އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން ލިވަޕޫލް ކޮޅަށް ޖެހި ގޯލާއެކު ސިޓީގެ އާރލިން ހާލަންޑު ލީގުގައި 99 ގޯލު ހަމަކޮށްފައިވާއިރު، ނިއުކާސްލް މެޗުގައި ގޯލެއް ކާމިޔާބު ނުކުރެވުމުން، ލީގުގައި އެންމެ އަވަހަށް 100 ގޯލު ހަމަކުރުމަށް އޭނާ ކުރަމުން އަންނަ އިންތިޒާރު ވަނީ ދިގުލައިފައެވެ. މިހާތަނަށް ލީގުގައި އެންމެ އަވަހަށް 100 ގޯލު ހަމަކުރީ ނިއުކާސްލްގެ ލެޖެންޑު، އަލަން ޝިއަރާރއެވެ. އޭނާ 124 މެޗުން 100 ގޯލު ހަމަކުރިއިރު، ހާލަންޑު މިހާތަނަށް ކުޅެފައި ވަނީ 109 މެޗެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން