ކުޅިވަރު
ޤައުމީ ފުޓްސަލް ފިރިހެން ޓީމަށް އުޒްބެކިސްތާނުގެ ކޯޗެއް ހަމަޖައްސައިފި
ރާއްޖޭގެ ފުޓްސަލް ޓީމަށް ހަމަޖެއްސި އުޒްބެކިސްތާނުގެ ކޯޗު---
މުޅިންއަލަށް ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ދިވެހި ޤައުމީ ފުޓްސަލް ފިރިހެން ޓީމުގެ ކޯޗަކަށް، އުޒްބެކިސްތާނުގެ ތަޖުރިބާކާރު ފާރޫކް ޒަކިރޯވް ހަމަޖައްސައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފައިވާ ގޮތުގައި، ޤައުމީ ފުޓްސަލް ޓީމާ އޭނާ ހަވާލުވަނީ ޑިސެމްބަރު 1، 2025 އިން ފެށިގެން ޖެނުއަރީ 31، 2026 ގެ ނިޔަލަށެވެ.
ރާއްޖޭގެ ޓީމާ ހަވާލުވާން އެއްބަސްވެފައިވާ ފާރޫގު މިވަގުތު ހުރީ އުސްބެކިސްތާނުގެ ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗެއްގެ މަޤާމުގައެވެ. އަދި އޭނާ ވަނީ މި އަހަރު ޗައިނާގައި އޮތް އޭޝިއަން ވިމެންސް ފުޓްސަލް ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދީފައެވެ.
މީގެ އިތުރުން، ފާރޫޤަކީ އެ ޤައުމުގެ ފުޓްސަލް ލީގުގައި ވާދަކުރާ ނެފްޗީ ފުޓްސަލް ކްލަބުގެ ވެސް ކޯޗެވެ. ނަމަވެސް ރާއްޖޭގެ ފިރިހެން ޓީމާ އޭނާ ހަވާލުވަނީ އެ ކްލަބުގެ ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށް އެފްއޭއެމްއިން ވަނީ ހާމަކޮށްފައެވެ.
ސާފްގެ ޤައުމުތަކަށް ބާއްވާ ފުޓްސަލް މުބާރާތް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖޭގެ މެޗުތައް:
14 ޖެނުއަރީ 2026: ރާއްޖެ – ޕާކިސްތާން
16 ޖެނުއަރީ 2026: ރާއްޖެ – ބަނގުލަދޭޝް
20 ޖެނުއަރީ 2026: ރާއްޖެ – އިންޑިއާ
22 ޖެނުއަރީ 2026: ރާއްޖެ – ނޭޕާލް
26 ޖެނުއަރީ 2026: ރާއްޖެ – ސްރީލަންކާ