Ads by Stelco

ޚަބަރު

10 އަހަރުގެ ކުއްޖަކު މިސްކިތަށް ދަނިކޮށް ގަދަކަމުން ސިނގިރޭޓުދީ، ބިރުދެއްކި މައްސަލައެއް

10 އަހަރުގެ ކުއްޖަކު މިސްކިތަށް ދަނިކޮށް ގަދަކަމުން ސިނގިރޭޓުދީ، ބިރުދެއްކި މައްސަލައެއް

ބިރުގެންފައި އިން ކުޑަކުއްޖެއްގެ ތަޞްވީރެއް.

farudhun logo

ފަރުދުން

23 ނޮވެމްބަރު 2025، 02:56

23 ނޮވެމްބަރު 2025، 02:56

މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ގަދަބާރުން ސިނގިރޭޓު ބޯންދީ، ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ކުއްޖާގެ ބައްޕަ އިޖުތިމާޢީ ވިޔުގަތަކުގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނީ، 10 އަހަރުގެ އެ ފިރިހެން ކުއްޖާ މަޣުރިބު ނަމާދަށް މިސްކިތަށް ދަނިކޮށް، ޢާއިލީ ވުޒާރާގެ އިރުޝާދުގެ ދަށުން ބަލަހައްޓާ 17 އަހަރުގެ ދެ ކުއްޖަކު އޭނާއަށް އުނދަގޫކޮށްފައިވާ ކަމަށެވެ. މި ގޮތުން، ގަދަކަމުން އެ ކުއްޖާ ފަޅުތަނަކަށް ގެންދިޔުމަށް ފަހު ބިރު ދައްކާފައިވާ ކަމަށް އެ ކުއްޖާގެ ބައްޕަ މަޢުލޫމާތު ދިނެވެ.

އެ ކުއްޖާގެ ބައްޕަ ބުނީ، 17 އަހަރުގެ އެ ދެ ކުދީން، އެ ކުޑަކުއްޖާއަށް ގަދަބާރުން ސިނގިރޭޓު ބޯންދޭން ވެސް އުޅުނު ކަމަށެވެ. އަދި ކުއްޖާގެ ގައިގައި ސިނގިރޭޓު ބަޓު ޖައްސައި، އެ ކަން މައިންބަފައިންގެ ގާތުގައި ބުނެފި ނަމަ، އެ މީހުން މަރާލާނެކަމުގެ އިންޒާރު ވެސް އެ ކުއްޖާއަށް ދިން ކަމަށް ބައްޕަ ޙިއްޞާކޮށްފައިވެއެވެ.

"އެ ޙާދިސާއަށް ފަހު ކުއްޖާ ހުރީ ބިރުން، ވާހަކަ ވެސް ދައްކަން އުނދަގޫ،" ބައްޕަ ލިޔެފައިވެއެވެ.

"މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑު ގޮވާލަން ސަރުކާރާއި ޖެންޑަރ މިނިސްޓްރީ އަދި ޕޮލިހަށް މި މައްސަލަ އަވަހަށް ބަލައި އިންޞާފު ހޯދައިދޭން. އެއްވެސް ކުއްޖަކީ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހޭ ކުއްޖަކަށް ވެގެން ނުވާނެ." ބައްޕަ އިތުރަށް ލިޔުނެވެ.

މި މައްސަލައާ ގުޅޭ ގޮތުން މީޑިޔާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލަ އިއްޔެ އިރުއޮއްސި 18:35ހައިއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅޭ އެއްވެސް އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން