ޚަބަރު
މި މަހުގެ މިހާތަނަށް ސްކޭމްގެ 119 މައްސަލަ، މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވޭ!
ސްކޭމް.
ފަރުދުން
23 ނޮވެމްބަރު 2025، 04:15
23 ނޮވެމްބަރު 2025، 04:15
ހިނގަމުން މިދާ ނޮވެންބަރު މަސް ފެށިގެން، އިއްޔެއާ ހަމައަށް، ސްކޭމްގެ 119 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށް، ފުލުހުންގެ ތަފާސްޙިސާބުތަކުން ހާމަވެއްޖެއެވެ.
މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 (އެއް މިލިޔަން، ފަންސާސް އެއް ހާސް، ދުއިސައްތަ ނުވަދިހަ ރުފިޔާ ތެއްތިރީސް ލާރި) ފޭރިގެންފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް:
- އީ-ކޮމާސް: 61 މައްސަލަ
- ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން: 13 މައްސަލަ
- އިންވެސްޓްމެންޓް ސްކޭމް: 2 މައްސަލަ
- ފިޝިންގ ސްކޭމް: 1 މައްސަލަ
- ފޯނުން ގުޅައިގެން އޮޅުވާލުން: 26 މައްސަލަ
- އެހެނިހެން: 14 މައްސަލަ
ސްކޭމް ކުރަން ބޭނުން ކުރި މައިގަނޑު އެޕްލިކޭޝަންތައް:
- ފޭސްބުކް
- ވައިބަރ
- ޓެލެގެރާމް
- ވަޓްސްއަޕް
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި ސްކޭމް ސެންޓަރުން އަބަދު ވެސް އަންނަނީ އިރުޝާދުތައް ދެމުންނެވެ.
މި ގޮތުން، ގޮތް ނޭނގޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ޙިއްޞާ ނުކުރުމަށާއި، ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް ވަޤުތުން އެޅުމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ.