ކުޅިވަރު
އިޓަލީ ލީގު: ޕުލިސިޗްގެ ގޯލަކުން އިންޓަރ ބަލިކޮށް މިލާނުން ލީގުގެ ދެވަނައަށް އަރައިފި
ޕުލިސިޗް ވަނީ މިހާތަނަށް ލީގުގައި 5 ގޯލު ކާމިޔާބުކޮށްފައި---
އިޓާލިއަން ސިރީ އޭގައި މިލާންއަށް ނިސްބަތްވާ ދެ ޓީމު ބައްދަލުކުރި މެޗުގައި، ޕުލިސިޗް ކާމިޔާބުކުރި ގޯލާއެކު އޭސީ މިލާނުން އިންޓަރ މިލާން ބަލިކޮށް، ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
މި މެޗަށް ނިކުތްއިރު މިލާން ބަލިކޮށްގެން ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އިންޓާރއަށް އޮތެވެ. ނަމަވެސް މެޗު ކާމިޔާބު ނުކުރެވުމުން އެ ޓީމަށް ޖެހުނީ ހަތަރު ވަނައިގައި މަޑުކުރާށެވެ.
ސެން ސީރޯގައި ކުޅުނު މި މެޗުގައި މޮޅަށް ކުޅެފައި ވަނީ އިންޓަރއެވެ. ނަމަވެސް މެޗުގައި އެ ޓީމަށް ނަތީޖާ ނެރުމަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކަށްވީ އިންޓަރގެ ގޯލްކީޕަރު، މައިކް މައިނަންއެވެ.
އެގޮތުން ފުރަތަމަ ހާފުގައި ލައުޓާރޯ މާޓިނޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރުމުގެ އިތުރުން، މެޗުގެ 74ވަނަ މިނެޓުގައި ހަކަން ޗަލަނޮލޫ ފޮނުވާލި ޕެނަލްޓީ ވެސް އޭނާ ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން އެ ޓީމުގެ ޑިފެންޑަރު ފްރާންސެންކޯ އަޗެރްބީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއާއެވެ.
މިލާންގެ ގޯލަކީ އެ ޓީމަށް މެޗުގައި ލިބުނު އެފަދަ ހަމައެކަނި ފުރުސަތެވެ. މި ގޯލަކީ މެޗުގެ 54ވަނަ މިނެޓުގައި މިލާންގެ އަރިމަތިން ކުޅޭ އެލެކްސިސް ސޭލެމޭކާ ތިރިތިރިން ފޮނުވާލި ހަމަލާއެއް، އިންޓަރގެ ގޯލްކީޕަރު، އިއާން ސޮމާރ އަތުގަ ޖެހިފައި ނިކުތް ވަގުތު ޕުލިސިޗް ކާމިޔާބުކުރި ގޯލެކެވެ.
ޕުލިސިޗް އަންނަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި މިހާތަނަށް 5 ގޯލު ކާމިޔާބު ކުރުމުގެ އިތުރުން 2 އެސިސްޓު ވެސް ކޮށްދީފައި ވެއެވެ.
މި މެޗުގެ ނަތީޖާއާ ގުޅިގެން 12 މެޗުން 27 ޕޮއިންޓު ހޯދައި ލީގުގެ އެއްވަނައިގައި އޮތީ ރޯމާއެވެ. ދެވަނައިގައި އޮތް މިލާނަށް 25 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނަޕޯލީއަށް ވެސް ލިބިފައި ވަނީ 25 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އިންޓަރ އޮތީ 24 ޕޮއިންޓާއެކުއެވެ.