ވިޔަފާރި / ޚަބަރު
ވީއައިއޭގެ އައު ޓާމިނަލުން 'ނިއޯސް' އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި
ޚިދުމަތް ދޭން ފެށުން/ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން 'ނިއޯސް' އެއާލައިނަށް ވެސް ޚިދުމަތް ދޭން ފަށައިފި އެވެ.
ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން ނިއޯސް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، މޭޖާ (ރިޓަޔާޑް) މުޙައްމަދު ނަޖާޙް އެވެ. މި ރަސްމިއްޔާތުގައި ނިއޯސްގެ ގްރައުންޑް އޮޕަރޭޝަންގެ ޑިރެކްޓަރު ޑަމިއާނޯ ރޮސޯ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި، ނިއޯސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ފުރި 341 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި ނިއޯސްގެ ފުރަތަމަ މަތިންދާބޯޓް NO610 އިން ރާއްޖެ އައި 346 ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.
Neos has commenced operations at Terminal 1 of Velana International Airport with a ceremonial water salute. This the 27th airline transferred operations to the new terminal. pic.twitter.com/f48eUXW4Vf
— Maldives Airports Company Ltd (@MACLmedia) November 23, 2025
ނިއޯސްއަކީ އިޓަލީގެ ޕްރައިވެޓް އެއާލައިނެކެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފަށާފައިވަނީ 20 ޑިސެމްބަރު 2004 ގައެވެ. ނިއޯސްއަކީ ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 27 ވަނަ އެއާލައިނަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުމެވެ.
މި އެއާލައިނަކީ އިޓަލީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިންކަން ފާހަގަކޮށްލެވެއެވެ.