ވިޔަފާރި / ޚަބަރު

ފިކުރީ މުދާ ހިމާޔަތްކުރުމަށް "ޕޭޓެންޓް" އާ ބެހޭ ޚާއްޞަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަނީ

ފިކުރީ މުދާ ހިމާޔަތްކުރުމަށް "ޕޭޓެންޓް" އާ ބެހޭ ޚާއްޞަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަނީ

ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ނޮވެމްބަރު 2025، 01:24

24 ނޮވެމްބަރު 2025، 01:24

ފިކުރީ މުދާ (އިންޓަލެކްޗުއަލް ޕްރޮޕަޓީ) ހިމާޔަތްކުރުމަށްޓަކައި "ޕޭޓެންޓް" އާ ބެހޭ ޚާއްޞަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، "ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން"ގެ ކޮންސަލްޓަންޓް ހެރްމަން ކޯރޓެސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު މީސް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ، މި މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ފިކުރީ މުދަލާއި ބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. ހަމަ އެހެންމެ، ޓްރޭޑްމާކު ބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއި ބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރައްވަމުންދަނީ މިކަމުގެ ތަޖުރިބާކާރު އިދާރާއެއްގެ އެހީތެރިކަމާއެކުގައި ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަރލެކްޗުއަލް ޕްރޮޕަޓީއާއި ބެހޭ އޮފީހެއް ޤާއިމުކުރެވިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ދާއިރާއިން ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއިން މިހާރު ލިޔުންތެރިކަމާއި ފަންނުވެރިކަން ހިމާޔަތްކުރުމަށްޓަކައި "ބާން ކޮންވެންޝަން" ގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން ޙާޞިލުކޮށްފައިވާ މުހިންމު މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ސަރުކާރުން ވީ ވަޢުދު ފުދިގެންދާ މަންޒަރުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކަމުގެ ޒިންމާއާއި ހަވާލުވެވަޑައިގަތީ ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ޤާއިމުކޮށްދެއްވާ، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިންމު ވަޢުދުފުޅާއިއެކުގައި ކަމަށެވެ. އެގޮތުން، މިއަދު ފެންނަމުން މިދަނީ އެ ވަޢުދުފުޅު ފުއްދެވުމުގައި ޢަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ތަސްދީޤުކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން