ޚަބަރު
އައްޑޫ ސިޓީ އައި.އެމް.ޑީ.ސީ.ގައި ސިޒޭރިއަން ހެދި ދިވެހި ޒުވާނަކު ނިޔާވެއްޖެ
މިއަދު ނިޔާވި އަލްމަރްޙޫމާ ޢާއިޝަތު ނަޒާހަތު އަޙުމަދު ދީދީ.
ފަރުދުން
24 ނޮވެމްބަރު 2025، 03:24
24 ނޮވެމްބަރު 2025، 03:24
އައްޑޫ ސިޓީގެ އިންޓަރނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައި.އެމް.ޑީ.ސީ.)ގައި ސިޒޭރިއަން ހެދި ދިވެހި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފު، އެސޯސިއޭޓް ކައުންސިލް އޮފިސަރ، ސ. ހިތަދޫ، ތަމަންނާގޭ ޢާއިޝަތު ނަޒާހަތު އަޙުމަދު ދީދީއެވެ. އޭނާ މި ޙާދިސާގައި ނިޔާވެފައިވާކަން އައި.އެމް.ޑީ.ސީ.އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގައި މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ސިމްޑީ ގްރޫޕުން ހިންގަމުން އަންނަ އައި.އެމް.ޑީ.ސީ.އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް، މިއަދު ހެނދުނުގެ ވަޤުތެއްގައި ނަޒާހަތު ނިޔާވި ޙާދިސާ ނަންގަންނަނީ، ނުހަނު ހިތާމައާއި ހިތްދަތިކަމާ އެކުގައި ކަމަށެވެ.
އައި.އެމް.ޑީ.ސީ.ގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިޔަ މާބަނޑު ޒުވާނާ ވިއްސަން ތާވަލުކޮށްފައި އޮތީ އަދު ހެނދުނެވެ. މި ޙާދިސާ ހިނގުމާ ހަމައަށް ވެސް ނަޒާހަތުގެ ޞިއްޙީ ޙާލަތު ރަނގަޅު ކަމަށާއި، ފަރުވާ ދެއްވަމުން ގެންދެވި ޑޮކްޓަރުގެ ފަރުވާއާ މެދު ހިތްހަމަޖެހި މެޑިކަލް ޓީމާ އެކުގައި ނަޒާހަތު ދިޔައީ ކަންކަން ޙިއްޞާކޮށް، ވާހަކަ ދައްކަމުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ނަމަވެސް، މިއަދު ފަތިހުގެ ވަޤުތެއްގައި ބަލި މީހާގެ ޞިއްޙީ ޙާލަތު ބަދަލުވެގެން ދިޔަ ކަމަށާއި، އެއީ ކުރިން ބަލި މީހާގެ ފަރާތުން ފެނިފައި ނެތް ޙާލަތެއް ކަމުން، ވަޤުތުން ވަޤުތަށް އިމަރޖެންސީގައި ފަރުވާ ދޭން ފެށި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އިމަރޖެންސީ މެޑިކަލް ޙާލަތް ދިމާވީ ގާތްގަނޑަކަށް ފަތިހު 4:39ގައެވެ. އެ ވަޤުތުން ފެށިގެން ބަލި މީހާއަށް ފަރުވާ ދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާ އެކު ކުއްލި އޮޕަރޭޝަނެއް ވަޤުތުން ފެށިއެވެ. އަދި ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނެވެ." އައި.އެމް.ޑީ.ސީ.ގެ ބަޔާނުގައިވެއެވެ.
"ނަމަވެސް، އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކްލިނިކަލް ސްޓާފުން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތްތަކާ އެކުގައި ވެސް، ކުއްލި ޞިއްޙީ ޙާލަތާ ގުޅިގެން މައިމީހާގެ ފުރާނަ ސަލާމަތް ކުރެވިފައި ނުވާ ކަމަށްޓަކައި ވަރަށް ބޮޑަށް ހިތާމަ ކުރަމެވެ."
އައި.އެމް.ޑީ.ސީ.ގެ ބަޔާނުގައިވާ ގޮތުން، މިއީ 2011ވަނަ އަހަރު އެ ހޮސްޕިޓަލްގައި އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީގެ ޚިދުމަތްތައް ތަޢާރަފު ކުރި ފަހުން، މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ. ސްޕެޝަލިސްޓު ޓީމުން މި ކުއްލި ޙާލަތުގައި ވެސް އަވަހަށް، އެންމެ މަތީ ފެންވަރުގެ ފަރުވާ ބަލި މީހާއަށް ދިނުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް އައި.އެމް.ޑީ.ސީ.ގެ ބަޔާނުގައި ޔަޤީންކަން ދީފައި ވެއެވެ.
"މި ހިތާމަވެރި ޙާދިސާއާ ގުޅިގެން އެ ޢާއިލާއަށް ދިމާވެފައިވާ ފުން ހިތާމައިގައި އަޅުގަނޑުމެން ބައިވެރިވަމެވެ. އަދި ނިޔާވި އަންހެން މީހާގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކުރަމެވެ. ހަމަ އެހެންމެ، ޢާއިލާއަށް ލިބުނު ފުން ހިތާމައަށްޓަކައި ނިހާޔަތަށް ހިތާމަ ކުރަމެވެ." ބަޔާނުގައި ވެއެވެ.
އައި.އެމް.ޑީ.ސީ.ގެ ބަޔާނުގައި ބުނީ، މި ޙާދިސާ ޞިއްޙީ ވުޒާރާއާ ގުޅުން ހުރި އިދާރާތަކުން ބަލަމުންދާއިރު، މި ކަމާ ގުޅިގެން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އަޅުގަނޑުމެންގެ މުޖުތަމަޢަށް ރައްކާތެރި، ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް އައި.އެމް.ޑީ.ސީ.ގެ ޓީމުން އަބަދު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދައިން މަސައްކަތް ކުރުމުގައި ދެމިތިބޭނެކަމާއި މުޖުތަމަޢުން އަޅުގަނޑުމެންނަށް ދެއްވާ އިތުބާރު އެގޮތުގައި ދެއްވުމަށް ވެސް އެދި ދަންނަވަމެވެ." އައި.އެމް.ޑީ.ސީ.ގެ ބަޔާނުގެ ނިންމުމުގައި ވެއެވެ.